ގަވާއިދާ ޚިލާފަށް އުޅެމުން އައި ހަތް ބިދޭސީއަކު އަތުލައިގެންފި

ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިއަ ތަނެެއް ބަލައި ފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަނުގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނެފައިވަނީ އެ ހަތް ބިދޭސީން ހައްޔަރުކޮށްފައިވަނީ އެ އިދާރާއިގެ ވޮޗަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން، އިއްޔެ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި އޭގެ އިތުރުން އެ އިދާރާއިން ބުނެފައިވަނީ އެ މީހުންނަކީ ސައްހަ ވިސާއެއްނެތި ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީންތަކެއް ކަމަށެވެ.

މިއީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

އެގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓު ކޮށްފައެވެ.