ގިނަ އަދަދެއްގެ ފައިސާއާއި، ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި

މާލޭގެ ދެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި، މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މިދިޔަ ޖަނަވަރީ މަހުގެ 30ވަނަ ދުވަހު ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަންގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ޖޫތީގެ، ހަސަން ނަޒީޙް (32އ)އެވެ.

މި އޮޕަރޭޝަނުގައި، ހަސަން ނަޒީޙް ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި، 1 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަސަން ނަޒީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައި ވެއެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.