އެމެރިކާއިން ސޮމާލިޔާއަށް ބޮންއަޅައިފި!

އެމެރިކާގެ ސިފައިން ސޯމާލިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެންބަރުންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި އެ ޤައުމަށް ދިން ފުރަތަމަ ހަމަލާތަކެވެ.

މި ހަމަލާތައް ދީފައިވަނީ ސޯމާލިއާގެ އުތުރުގައި އަމިއްލަ ވެރިކަމެއް ހިންގާ ޕަންޓްލޭންޑް ސަރަޙައްދުގެ ގޯލިސް ފަރުބަދަތަކުގައި ތިބި އައިއެސް-ސޯމާލިއާގެ މެންބަރުންނަށެވެ. 2015ވަނަ އަހަރު، އައިއެސް-ސޯމާލިއާ ވަކިވެގެން ދިޔައީ  ސޯމާލިއާގެ ދެކުނު ސަރަޙައްދުތަކެއް ކޮންޓްރޯލްކުރާ، އަލްޤައިދާއާ ގުޅުންހުރި، ޖިހާދީ ޖަމާޢަތެއްކަމުގައިވާ އަލްޝަބާބުންނެވެ.

ހޮނިހިރު ދުވަހު ޓްރަމްޕް ބުނީ އޭނާ މި ހަމަލާ އަމާޒުކޮށްފައި ވަނީ އައިއެސްގެ ހަމަލާ ރާވާ އިސް މީހަކަށާއި އެ ޖަމާޢަތުގެ އެހެން މީހުންނަށް ކަމަށެވެ.

ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ލިޔެފައި ވަނީ: "ހޮހަޅަތަކުގައި ފޮރުވިގެން ތިބި މި މީހުން ވަނީ އެމެރިކާއަށާއި އަހަރުމެންގެ އެކުވެރިންނަށް ބިރުދައްކައިފައެވެ."

"މި ހަމަލާތަކުން އެމީހުން ދިރިއުޅޭ ހޮހަޅަތައް ވަނީ ހަލާކުކޮށްލެވި، އަދި އާންމު ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުދީ، ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރާލެވިފައެވެ."

"އަޅުގަނޑުމެންގެ ސިފައިން ވަނީ މި އައިއެސްގެ ހަމަލާ ރާވާ މީހާއަށް އަހަރުތަކެއް ވަންދެން އަމާޒުކޮށްފައެވެ. އެކަމަކު ބައިޑެންއާއި އޭނާގެ ބައިވެރިން މި މަސައްކަތް ނިންމުމަށް އެކަށީގެންވާ އަވަސްމިނެއްގައި ޢަމަލުނުކުރެއެވެ. އަޅުގަނޑު އެކަން ކުރީމެވެ!"

"އައިއެސްއަށާއި އެމެރިކާއަށް ހަމަލާދޭން އުޅޭ އެހެން ހުރިހާ ފަރާތްތަކަށް ދެވޭ މެސެޖަކީ 'އަޅުގަނޑުމެން ތިޔަބައިމީހުން ހޯދާނަމެވެ، އަދި އަޅުގަނޑުމެން ތިޔަބައިމީހުން މަރާލާނަމެވެ!' މިއެވެ."

ޓްރަމްޕް އައިއެސްގެ އެ މީހާގެ ނަން ހާމަނުކުރެއްވިއެވެ. އަދި އެ މީހާ މި ހަމަލާގައި މަރުވިކަންވެސް ނުބުނުއްވައެވެ. އެމެރިކާގެ ދިފާޢީ ވަޒީރު، ޕީޓް ހެގްސެތް އިތުރުކުރެއްވި ގޮތުގައި ފުރަތަމަ ދެވުނު އެސެސްމަންޓުން ދައްކާ ގޮތުން ގިނަ އަދަދެއްގެ މެންބަރުން މަރުވެފައިވެއެވެ. އޭނާ ވިދާޅުވީ އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ނުވާކަމަށެވެ.