މުޢާޛުގެފާނަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ދެއްވި ނަސޭހަތް

10 މަސް ކުރިން
|
0

 މުޢާޛު ބިން ޖަބަލު رَضِيَ اللهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ނަބީ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހުގައި އަހަރެން ދަތުރެއްގައި ވީމެވެ. ފަހެ އަހަރެން ދެންނެވީމެވެ: "އޭ ﷲގެ ރަސޫލެވެ. އަހަރެން ނަރަކައިން ދުރުކޮށް ސުވަރުގެއަށް ވައްދާނޭ ޢަމަލެއް އަހަރެންނަށް ބުނެދެއްވާށެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިބާ ތިޔަ ސުވާލުކުރީ ބޮޑުވެގެންވާ ކަމަކާ ބެހޭ ގޮތުންނެވެ. އަދި ހަމަކަށަވަރުން އެ މީހެއްގެ މައްޗަށް ﷲ ފަސޭހަކޮށްދެއްވައިފި މީހަކަށް، އެ ކަމެއް ނުހަނު ފަސޭހަ ވެގެންވާނޭކަން ކަށަވަރެވެ. ތިބާ ﷲއަށް އަޅުކަންކުރާށެވެ! އެ އިލާހަށް ޝިރުކު ނުކުރާށެވެ! ނަމާދު ޤާއިމުކުރާށެވެ! ޒަކާތްދޭށެވެ! ރަމަޟާންމަހު ރޯދަހިފާށެވެ! އަދި ގެފުޅަށް ގޮސް ހައްޖުވާށެވެ!" ދެން ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިބާއަށް ހެޔޮކަމުގެ ދޮރުތައް ދައްކަވައި ދެއްވަންހެއްޔެވެ! ރޯދައަކީ އައްޑަނައެކެވެ. އަދި ފެނުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުން ފާފަ ފުހެވެއެވެ. އަދި (ހަމަ އެފަދައިން) ހާރުދަމުގައި މީހާ ކުރާ ނަމާދުން ވެސް މެއެވެ." ދެން އިތުރު އެކަލޭގެފާނު (އަންނަނިވި އާޔަތް) ކިޔަވައި ވިދާޅުވިއެވެ. ﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ(١٦)‏ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ‎(١٧)﴾‏ (سورة السجدة) މާނައީ: "އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާ އެކު ދުޢާކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށް ޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. ފަހެ، އެއުރެންނަށް ޓަކައި ފޮރުއްވައިފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނުޢަމަލުތަކުގެޖަޒާއެއްކަމުގައެވެ." ދެން ޙަދީޘްކުރެއްވިއެވެ. "މުޅި ދީނުގެ އެންމެ އިސްކަމަކީ ކޮބައިކަމާއި، އެ ދީނުގެ ތަނބާއި، ކުރިބޯއްޓަކީ ކޮބައިކަން ތިބާއަށް ކިޔައި ދެއްވަންހެއްޔެވެ!" އަހަރެންދެންނެވީމެވެ:"އެހެނަކުން ނޫނެވެ. އޭ ﷲގެ ރަސޫލާއެވެ. ވިދާޅުވެދެއްވާށެވެ!" ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މި ދީނުގެ އެންމެ އިސްކަމަކީ އިސްލާމްކަމެވެ. އަދި މި ދީނުގެ ތަނބަކީ ނަމާދެވެ. އަދި މި ދީނުގެ ކުރިބޯއްޓަކީ ޖިހާދެވެ." އެއަށްފަހު ޙަދީޘްކުރެއްވިއެވެ."މިހުރިހާކަމަކަށްބާރުލިބޭނޭ ކަމެއް ތިބާއަށް ކިޔައި ދެއްވަންހެއްޔެވެ!" އަހަރެންދެންނެވީމެވެ."އޭﷲގެރަސޫލާއެވެ.ވިދާޅުވެ-ދެއްވާށެވެ!" ދެން އެކަލޭގެފާނު ދޫފުޅުގައި ހިތްޕަވައިފައި ޙަދީޘްކުރެއްވިއެވެ. "ތިބާ މިދުލަށްރައްކައުތެރިވާށެވެ!"އަހަރެންދެންނެވީމެވެ. "އޭ ﷲގެ ނަބިއްޔާއެވެ. އެ ދުލުން ދައްކާ ވާހަކަތަކުގެ ސަބަބުން އަހަރެމެން ހިއްޕަވައި އުގޫބާތް ދެއްވޭނެ-ހެއްޔެވެ؟"ޙަދީޘްކުރެއްވިއެވެ."އޭމުޢާޛެވެ. ތިބާގެ މަންމައަށް ތިބާ ގެއްލިދާށިއެވެ. (ނޯޓު: މިއީ ކަމެއްގެ ބޮޑުކަން ހާމަކުރަން އަރަބީންގެ ދޫމަތިން ބުނެ އުޅޭ އިބާރާތެކެވެ. ބަދުދުޢާކުރުމުގެ މާނައިގައި ބުނާ ބަހެއް ނޫނެވެ.) ދަންނާށެވެ! މީސްތަކުންގެ ދޫތަކުންހޯދައިގަތްކަންތައްތަކުން މެނުވީ، އެ މީހުން ނަރަކައިގެ ތެރެއަށް މޫނުވަތަށް އެއްލައިލެވޭހެއްޔެވެ؟ (އެބަހީނަރަކައަށްމޫނުވަތަށް އެއްލައިލެވެނީދުލުގެސަބަބުންނެވެ.)" [الترمذي 2616]މިއީ ކޮންމެ މުސްލިމަކު ވެސް ވިސްނައިލަން ޖެހޭ މުހިއްމު ޙަދީޘެކެވެ. މީގެން އެނގެނީ ދުލުގެ ބޭނުން ރަނގަޅު ގޮތުގައި ކުރުމުގެ މުހިއްމުކަމެވެ. އަދި ހަމައެހެންމެ، ނަމާދާއި ރޯދައާއި ޒަކާތާއި ހައްޖާ، އަދި ޖިހާދުގެ މަތިވެރިކަމެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މި ކަންކަމަށް ސަމާލުކަން ދީ، ފުރިހަމަ ގޮތުގައި މި ކަންކަން ކުރަން މަސައްކަތް ކުރަންޖެހެއެވެ.