الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
އެކި މީހުން ކާމިޔާބު މާނަކުރާ ގޮތް ތަފާތުވެދާނެއެވެ. އެކި މީހުންގެ ނަޒަރުގައި އެންމެ ކާމިޔާބު މީހާ ވެސް ތަފާތުވެދާނެއެވެ. އެހެނަސް ޙަޤީޤީ ކާމިޔާބަކީ ﷲގެ ޙަޟްރަތުގައި ޤަދަރުއުފުލި، އާޚިރަތުގައި ކާމިޔާބު ވުމެވެ.
އަނަސް رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ރަށްފުށު ހިސާބެއްގައި، ޒާހިރު ބުނު ޙަރާމް ކިޔާ ބޭކަލަކު އުޅުއްވިއެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާ ހަދިޔާ ބަދަލުކޮށް އުޅުއްވި ބޭކަލެކެވެ. ޒާހިރު ބުނު ޙަރާމް މަދީނާއިން ނުކުންނެވުމުގެ ކުރިން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނަށް ދަތުރު ތައްޔާރުކޮށްދެއްވައެވެ.
ފަހެ އެއްދުވަހަކު ޒާހިރު އެއްޗެއް ވިއްކަވަން ހުންނަވަނިކޮށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެތަނަށް ވަޑައިގެންނެވިއެވެ. އަދި ޒާހިރަށް ނުފެންނާނޭހެން ފަހަތުން ވަޑައިގެން (ސަމާސާކުރެއްވުމުގެ ގޮތުން) ޒާހިރުގެ ގައިކޮޅުގައި ހިތްޕެވިއެވެ. މިކަން ކުރެއްވީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَކަން ޒާހިރަށް އެނގިނުލައްވާތީ، "ތިމަންކަލޭގެފާނު ދޫކޮށްލާށޭ!" ބުނުއްވިއެވެ. ނަމަވެސް އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَކަން އެނގިލެއްވުމުން ޒާހިރު ހަމަހިމޭންވިއެވެ. ފަހެ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ (ސަމާސާ ގޮތަކަށް) ޙަދީޘްކުރެއްވިއެވެ. "މި އަޅުމީހާ ގަންނާނީ ކާކު ހެއްޔެވެ؟" ޖަވާބުގައި ޒާހިރު ބުނުއްވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިހެންވެއްޖެއްޔާ ކަލޭގެފާނަށް ތިމަންނާ ފެނިވަޑައިގަންނަވާނީ އެއްވެސް އަގެއްނެތް މީހެއްގެ ގޮތުގައެވެ." ދެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދައްނާށެވެ! ކަލޭގެފާނީ ﷲގެ ޙަޟްރަތުގައި އަގެއްނެތް ބޭކަލެއް ނޫނެވެ." ނުވަތަ ޙަދީޘްކުރެއްވީ "އަދި ކިއެއް ހެއްޔެވެ! ކަލޭގެފާނީ ﷲގެ ޙަޟްރަތުގައި އަގުހުރި ބޭކަލެކެވެ." [رواه ابن حبان (5790) والترمذي وفي الشمائل (240) وصححه ابن حجر في الإصابة ( 2/ 452)]
އިންސާނާގެ ކިބައިގައި ހުންނަ އައިބެއްގެ ސަބަބުން ނުވަތަ އެނޫން ކަމަކާ ހުރެވެސް މީސްތަކުން އެ މީހަކާ މުޢާމަލާތްކުރާ ގޮތަކުން ވަރަށް ގިނަ ފަހަރަށް އަމިއްލަ ނަފުސާމެދު އޮންނަ އިތުބާރު ކުޑަވާ ގޮތް ވެއެވެ. އަދި ނުބައި މަގުތަކުން ހިނގާ، ވަރަށް ގިނަ ކުދިންގެ ޝަކުވާއަކަށް ވެފައި ވަނީ އެބައިމީހުންނަކީ މީސްތަކުންގެ ކައިރީ އެއްވެސް އަގެއްހުރި ބައެއް ނޫން ކަމެވެ. އަދި އެ ކުދިންގެ މައިންބަފައިން ނުވަތަ ޢާއިލާ މީހުން ނުވަތަ ރައްޓެހިން އެކުދިންނާމެދު އެއްވެސް ވަރަކަށް އަޅާނުލާކަމެވެ. އަދި އެ ކުދިން ކުރާ އެއްވެސް ކަމެއް އެނޫން މީހުންނަށް ކަމުނުދާކަމެވެ.
ދަންނާށެވެ. الله تعالىއަށް ކިޔަމަންގަތުމުގައި ދެމިހުރިހައިހިނދަކު ތިބާ ވާހުށީ الله تعالىގެ ޙަޟްރަތުގައި އަގުހުރި މީހަކަށެވެ.
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ދުނިޔަވީ މި ޙަޔާތުގައި އެހެން އެއްވެސް މީހެއްގެ އަޅައިލުމާއި ސަމާލުކަން ތިބާއަށް ނުލިބުނަސް، الله تعالىގެ ރުހިވޮޑިގަތުން ތިބާއަށް ލިބިއްޖެއްޔާ ތިބާއަކީ ޤަދަރުއުފުލިގެންވާ އަގުހުރި މީހެކެވެ. الله تعالىއަށް ކިޔަމަންގަންނަ އަޅުންދެކެ އެއިލާހު ލޯބިވެވޮޑިގެން ވެއެވެ. ތަޤުވާވެރި، ޞާލިޙު، ހިތްތިރި، ދީލަތި، ހެޔޮލަފާ، ޚުލުޤު ރިވެތި، މަޑުމައިތިރި އަދި މިނޫނަސް الله تعالىރުއްސަވާވޮޑިގެންވާ އެންމެހައި ހެޔޮ ސިފަތަކުން ޒީނަތްތެރިވާށެވެ. ހެޔޮ ނިމުމާއި ކާމިޔާބު ހުރީ ތަޤުވާވެރީންނަށެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު