ދިވެހި މުހާވަރާއެއްގައި ވެސް އޮންނަ މި ނަސޭހަތަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ މާތްވި އިސްލާމްދީނުގައި ދެއްވައިފައި އޮތް އިރުޝާދެކެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އުނގަންނަވައި-ދެއްވި ފިލާވަޅެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «لا يُلْدَغُ المُؤْمِنُ مِن جُحْرٍ واحِدٍ مَرَّتَيْنِ» (صحيح البخاري) މާނައީ: "މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެ ފަހަރު ކަށި ނުޖެހޭނެއެވެ." މިއީ މަޖާޒީ މިސާލެކެވެ. އެއް ދިމާލަކުން ދެ ފަހަރު މުއުމިނަކަށް ގެއްލުން ވުމުގެ ފުރުސަތު ދެވިގެން ނުވާނެކަން މި މިސާލުން ކިޔައިދެއެވެ.
«يُلْدَغُ»ގެ މާނައަކީ ކަށިޖެހުމެވެ. ކަށި ޖަހާ ސޫތްޕެއް ނުވަތަ ޖަނަވާރެއްގެ ވިހަ އިންސާނެއްގެ ހަށިގަނޑަށް ފޮނުވައިލުމެވެ. އެފަދަ ޖަނަވާރު ނުވަތަ ސޫތްޕަކީ ހޮރުހޮރުގައި ބޮނދައިގެން އުޅޭ ތަކެއްޗެވެ. ނޭނގުމުގެ ތެރޭ އެއިން ހޮރެއްގެ ކައިރިން ދެވުން ނުވަތަ އެފަދަ ތަނެއްގައި މަޑުކޮށްގެން ހުރުން އެއީ ވެދާނެ ކަމެކެވެ. އަދި އެހެން ހުއްޓައި އެ މީހެއްގެ ގަޔަށް ކަށްޓެއް ހެރުން އެކަށީގެން ވެއެވެ.
«مِن جُحْرٍ واحِدٍ مَرَّتَيْنِ» "އެއް ހޮރަކުން ދެ ފަހަރު"އެވެ އޮތް ބަހުން ދޭހަކޮށްދެނީ ނޭނގުމުގައި ވީ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ސަމާލުވާންވީ ވަރެވެ. އަދި «المُؤْمِنُ»އެވެ އޮތުމުން މި ނަސޭހަތުން ވަކީން ބޮޑަށް އިސްލާމުންނަށް އިންޒާރުކުރުވައެވެ. މުސްލިމުންނަށް ގެއްލުންދޭ ބަޔަކީ ކާފިރުންނެވެ. އެބައިމީހުންގެ ފަސްފަހަތުން ނުހިނގުމަށް މި ނަސޭހަތް ފުދެއެވެ.
ޙިކުމަތްތެރި މި ބަސްފުޅު، ޙަދީޘްކުރެއްވި ސަބަބާ މެދު ބަލައިލުމަކީ މިއިން ލިބޭ އިރުޝާދު ފުރިހަމައަށް ފަހުމުވާނޭ ކަމެކެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މިފަދައިން ޙަދީޘްކުރެއްވީ އަންނަނިވި ހާދިސާގައި ކަމަށް އިމާމް ނަވަވީ ވިދާޅުވިއެވެ.
ބަދުރު ހަނގުރާމައިގައި އަބޫ ޢައްޒާ އެވެ ކިޔުނު ޅެންވެރިއެއް ހައްޔަރު ކުރެވުނެވެ. އޭނާއަކީ ދީނަށާއި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ހަޖޫޖަހައި ޅެންހަދައިގެން ކިޔައި އުޅުނު މީހެކެވެ. އެ މީހާ، ތިމަންނާއަކީ ފަޤީރެކޭ ކުޑަކުދިންތަކެއްގެ ބައްޕައެކޭ ކިޔައި އުޒުރު ދައްކައިގަތުމުން، އޭނާ ދޫކޮށްލެއްވީ ކުރިން އޭނާ ކަންތައް ކުރިގޮތަށް ކަންތައް ނުކުރުމަށް އެއްބަސްވީތީއެވެ. އޭނާ މައްކާއަށް އެނބުރި ގޮސް ރަށުމީހުންނާ އެކުވެ ކުރިއެކޭ އެއްގޮތަށް އުޅެން ފަށައިފިއެވެ. އަދި އުޙުދުގައި ކާފިރުންގެ ލަޝްކަރަށް ހިތްވަރުދީ މުސްލިމުންނަށް ކުޑައިމީސްވާ ފަދަ ޅެން ކިޔާން މީނާ ވެސް އައެވެ. މިފަހަރު ވެސް މީނާ އަސީރުވެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަރިހަށް ގެނެވުނެވެ. ހަމަ ގެނެވުމާ އެކު އިހުނެކޭ އެއްގޮތަށް އުޒުރު ދައްކައިފިއެވެ. ދެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެ ފަހަރު ކަށްޓެއް ނުޖެހޭނެއެވެ." އަދި އޭނާ ޤަތުލުކުރުމަށް ޞަޙާބީންނަށް އަމުރު-ކުރެއްވިއެވެ.
އަޅުގަނޑުމެންގެ ގަޔަށް އެއްހޮރަކުން ކިތައްކިތައް ފަހަރު ކަށިޖަހައިފިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ!
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު