ދިވެހިރާއްޖެއަށް 12 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އިންޑިއާއިން ހައްޔަރުކޮށްފި

އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި 12 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު، އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައިގެންފިއެވެ.

އިންޑިއާގެ ނޫހެއްކަމުގައިވާ "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ޑީއާރުއައި އިން ވަނީ ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ޕޯޓު ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި އެ މީހުންގެ ދަބަސް ބަލައި ފާސްކުރި އިރު، އެއިން 12 ދަޅުގެ ހަޝިޝް އޮއިލް ފެނިފައިވެއެވެ.

ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާއެވެ. އެހެންވެ، އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ. 

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، 34 އަހަރާއި ޓުޓިކޮރިންއަށް ނިސްބަތްވާ 33 އަހަރުގެ ދެ މީހުންނާއި 56 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން 56 އަހަރުގެ މީހާއަކީ ޔޮޓެއްގެ ކްރޫއެކެވެ. އަދި 30 އަހަރުގެ މީހާއަކީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) މީހެކެވެ. 

އެ މީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އެ ކޭސްގެ މައުލޫމާތު ހިއްސާކުރަން އަންގާފައިވާނެ ކަމަށެވެ.