ހަމާސް އިން އިސްރާއީލްގެ 4 އަންހެން ސިފައިން މިނިވަންކޮށްފި!

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސް ޖަމާއަތުން އަސީރުކުރި އިސްރާއީލުގެ ހަތަރު އަންހެން ސިފައިން މިނިވަންކޮށްފިއެވެ.

މި 4 އަންހެން ސިފައިން މިނިވަން ކުރީ ޣައްޒާ މެދުތެރޭގައި ހުންނަ ފަލަސްތީން ސްކެއަރގައެވެ.

އެ ހަތަރު ސިފައިން ވެސް މިހާރު ވަނީ ރެޑް ކްރޮސާ ހަވާލުކޮށްފައެވެ. އަދި މިހާރު އެ 4 މީހުން ވަނީ އިސްރާއީލަށް ގޮސް އެ މީހުންގެ އާއީލާއާ ބައްދަލުކޮށްފައެެވެ.

އެ 4 ސިފައިންގެ މީހުން މިނިވަންކުރި ވަގުތު އެ ސަރަހައްދަށް ހަމާސް އަދި އިސްލާމިކް ޖިހާދުގެ ގިނަ އަދަދެއްގެ މުޖާހިދުންނާއި ފަލަސްތީނުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެފައި ވެއެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓާލުމުގެ އިތުރުން ހަމާސް އިން ޣައްޒާއަށް ގެންދިޔަ އަސީރުން މިނިވަން ކުރުމާއި އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ.

މި ގޮތުން މިއަދުގެ ވަގުތެއްގައި ފަލަސްތީނުގެ 120 ގައިދީން މިނިވަންވެގެންދާނެއެެވެ.

މީގެ ކުރިންވަނީ އިސްރާއީލުގެ 3 ގައިދީންގެ ބަދަލުގައި 90 ފަލާސްތީނުގެ ރައްޔިތުން މިނިވަންކޮށްފައެެވެ.