އިސްލާމްދީނުގައި ކާވެނީގެ މަޤްޞަދުތަކުގެ ތެރޭގައި ދަރިން ހޯދައި އެ ދަރިން ތަރުބިއްޔަތުކޮށް ރަނގަޅު ޖީލެއް ބިނާކުރުން ހިމެނެއެވެ. އެ ގޮތުން ކޮންމެ ދެމަފިރިއެއް ވެސް، ދަރިއަކު ލިބެންވީމާ ދަރިފުޅަށް ކިޔާނެ ނަމަކާމެދު މަޝްވަރާކުރާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އިސްލާމްދީނުގައި ދަރީންނަށް ނަން ކިޔުމުގައި ބެލުން މުހިންމު ކަމެއް ވެއެވެ. އެއީ ނަންދިނުމުގައި އެންމެ ރަނގަޅު ހެޔޮ ގޮތް ހޯދުމެވެ. އަދި އެ އުސޫލުގެ މައްޗަށް ބިނާކޮށް ދެވޭ ނަންތައް ވާނީ ދަރިފުޅަށް ދެވޭ އެންމެ ފުރަތަމަ ހަދިޔާ ތަކުގެ ތެރެއިން ހަދިޔާއަކަށެވެ. އެ ހަދިޔާއަކީ އަގުހުރި ހަދިޔާއަކަށް ހަދަން ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވާނޭކަން ޔަޤީނެވެ.
ޢިލްމުވެރިން ވަނީ ނަން ދިނުން ދަރަޖަތަކަކަށް ބައްސަވައިފައެވެ.
ފުރަތަމަ ދަރަޖައަކީ، ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ދެ ނަމުންކުރެ ނަމެއް ކިޔުމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «أَحَبُّ الْأَسْمَاءِ إِلَى اللَّهِ عَبْدُ اللَّهِ وَعَبْدُ الرَّحْمَنِ» (أبي داود) މާނައީ: "ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ނަންތަކަކީ ޢަބްދުﷲ އަދި ޢަބްދުއްރަޙްމާނެވެ."
ދެވަނަ ދަރަޖައަކީ، ﷲގެ އިސްމުޅުފުޅުތަކުގެ ކުރިއަށް އެއިލާހުގެ އަޅު (عَبْدُ) މި ލަފުޒު ގުޅުވައިގެން ނަން ދިނުމެވެ. މިސާލަކަށް (عَبْدُ العزيز) ޢަބްދުލްޢަޒީޒް، (عَبْدُ السَّلَام) ޢަބްދުއްސަލާމް އަދި (عَبْدُ المؤمن) ޢަބްދުލްމުއުމިން ފަދަ ނަންނަމެވެ.
ތިންވަނަ ދަރަޖައަކީ، ނަބީބޭކަލުންގެ ނަންފުޅުން ނަން ކިޔުމެވެ. އޭގެ ތެރެއިން އުލުލްޢަޒުމިގެ ފަސް ބޭކަލުން އިސްކުރުން ހެޔޮވެގެންވެއެވެ. އެއީ (نُوح) ނޫޙް، (إبراهيم) އިބްރާހީމް، (مُوْسىٰ) މޫސާ، (عِيْسىٰ) ޢީސާ عَلَيْهِمُ السَّلَامْ އަދި މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَއެވެ.
ހަތަރުވަނަ ދަރަޖައަކީ ޞަޙާބީ ބޭކަލުންނާއި ސަލަފުއްޞާލިހުންގެ ނަންފުޅުތައް ބޭނުން ކުރުމެވެ. ޢުމަރު، އުޘްމާން، ޚަދީޖާ، ފާތިމާ رَضِيَ اللهُ عَنْهُمْ ފަދަ ނަންތަކެވެ.
ފަސްވަނަ ދަރަޖައަކީ ރީތި މާނަ އެކުލެވޭ ނަންނަން ދިނުމެވެ. މިސާލަކަށް ޙާރިޘް، ހައްމާމް ފަދަ ނަންނަމެވެ.
ހަވަނަ ދަރަޖައަކީ މާނަ ރީތި ނޫނަސް އެނަން ކިޔުމުގައި މަނާކަމެއް ނެތް ނަންނަމެވެ. މިފަދަ ނަމެއް ކިޔުމަކީ ވެސް މައްސަލައެއް ނޫނެވެ. އެކަމަކު ކުރިން ބަޔާންވި ދަރަޖަތަކާ އެއްހަމައެއް ނުވާނެއެވެ.
ހަތްވަނަ ދަރަޖައަކީ، މަކްރޫޙަ ނަން ދިނުމެވެ. އޭގެތެރޭގައި ހަޑި މާނައެއް އެކުލެވޭ ނަން ކިޔުމާއި މަލާއިކަތުންގެ ނަންފުޅުތަކުން ނަން ދިނުން ވެސް ހިމެނެއެވެ.
އަށްވަނަ ދަރަޖައަކީ ޙަރާމް ނަންނަން ދިނުމެވެ. މިސާލަކަށް ކުރިއަށް "ޢަބްދު" ނުލައި މާތް ﷲއަށް ނިސްބަތްވާ ނަންފުޅެއް ދިނުމެވެ.
އާދެ! ނަން ދިނުމުގައި މި ބަޔާންކުރެވުނު ދަރަޖަތަކުގެ ތެރެއިން އެންމެ މަތީ ދަރަޖަތައް އިސްކުރުމަކީ ނަން ކިޔުމުގެ މަޝްވަރާގައި ހިމަނާލަންވާނެ ނުކުތާއެކެވެ. ނަން ކިޔުމުގައި އެކި ގޮތްގޮތަށް ވިސްނާ ފިކުރުކުރެއެވެ. އެހެންނަމަވެސް، އިމާމް އިބްނު ޤައްޔިމް رحمه الله ފާހަގަ ކުރައްވައިފައިވާ ފަދައިން ނަމުގެ އަސަރު އެ މީހެއްގެ ކިބައިން ފެނުން އެކަށީގެން ވެއެވެ. އަދި ޚާއްޞަކޮށް ނޭދެވޭ މާނައެއް އެކުލެވޭ ނަމެއް ނަމަ އޭގެ އަސަރު މީހުންގެ ކިބައިން ފެންނަލެއް ބޮޑެވެ.
ދުޢާއަކީ ދަރިންގެ ޙައްޤުތައް އަދާކުރުމާއި އެކުދިން ތަރުބިއްޔަތުކުރުމުގައި ފަރުވާތެރި ބަޔަކަށްވުމުގެ ތައުފީޤު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުމެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު