ޝައިޠާނާ މަސައްކަތް ކުރަނީ ތަފާތު އެކި ޚިޔާލުތައް ވައްދައިގެން އިންސާނާ މާޔޫސްކުރުވާށެވެ. ވިސްނަންވީ ކަމަކީ އަހަރެމެން ޚަލްޤުކުރެއްވީ ﷲ ކަމެވެ. އަދި އެކަލާނގެ އަހަރެމެންނަށް ހެޔޮ މަގު ބަޔާންކޮށްދެއްވައިފައި ވާއިރު ނިކަމެތިވެގެންވާ ޝައިޠާނާ ކުރިމަތިކުރުވާ މަޅިތަކުގައި އަހަރެމެން ޖެހެންވީ ކީއްވެހެއްޔެވެ؟ އެކަލާނގެ ރަޙުމަތުން އުންމީދު ކަނޑައިލާނީ އަބާއްޖަވެރިންނެވެ.
ހިތްވަރުކޮށް ޝައިޠާނާއާ ހަނގުރާމަކުރާށެވެ. ތައުބާވެ ކުރިއަރައިދާށެވެ. ފާފައެއް ކުރެވިއްޖެނަމަ އަނެއްކާ ވެސް ތައުބާވާށެވެ. އެ ފުރުސަތު އެބައޮތެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ޙަޟްރަތަށް ތައުބާވާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު އެކަލާނގެ ޙަޟްރަތަށް ތައުބާވެވަޑައިގަންނަވަމެވެ." (މުސްލިމް)
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަކީ ސުވަރުގެ ވަންނަވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެން ބޭކަލެކެވެ. އެފަދަ ޔަޤީންކަމެއް އަހަރަމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިފައިވޭ ހެއްޔެވެ؟ ފަހެ އަޅުގަނޑުމެން ތައުބާވުން މާ ޙައްޤުކަން ބޮޑެވެ. އަބަދު ފާފަ ތަކުރާރުވަނީއޭ ކިޔައި، ތައުބާނުވެ ހުއްޓާ ނުވަތަ ތައުބާ ލަސްކޮށްފައި ވަނިކޮށް ތިބާގެ ގާތަށް މަރު އަތުވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ފާފަތަކަށް ހުޅުވޭ ދޮރުތައް ހިތްވަރުކޮށްފައި ބަންދުކުރާށެވެ.
މާޒީގައި ކުރެވިފައިހުރި ހުރިހާ ފާފަތައް ހަނދާނުގައި ނެތަސް ހަނދާންވާ ބޮޑެތި ފާފަތަކަށް ތައުބާވާށެވެ. ހެޔޮ ޢަމަލުކުރުން އިތުރުކުރާށެވެ. ހެޔޮ ކަންކަމުގެ ސަބަބުން ކުދި ފާފަތައް ފުއްސަވާނެތެވެ. ނަމާދާއި، ރޯދައާއި، ވުޟޫއާއި އަދި ޞަދަޤާތުން އެ ފާފަތައް ފުހެވިގެން ދާނެއެވެ. ތައުބާވެ އިސްތިޣްފާރު ކުރަންވީ ފާފައެއްކުރެވުމުން އެކަންޏެއް ނޫނެވެ. އަބަދުވެސް ތައުބާވެ އިސްތިޣްފާރުކުރުންމަތީ ދެމިހުންނާށެވެ. ގިނަގިނައިން أسْتَغْفِرُ اللهِ ކިޔާށެވެ.
أسْتَغْفِرُ اللهِ މިއީ މާތް ކަލިމައެކެވެ. މާނައަކީ: "މިއަޅާ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ." މިކަލިމައިގެ މާނައަށް ވިސްނައިގެން ގިނަގިނައިން އިސްތިޣްފާރުކުރާ މީހާއަށް ނިކަން ގިނަ ކަންކަން ފުރިހަމަވާނެއެވެ. އޭގެ ތެރޭގައި ފާފަތައް ފުއްސެވުމާއި، ވާރޭފެން ލިބުމާއި، ރިޒްޤު ތަނަވަސްވުމާއި، ދަރިންނާއި މުދާ އިތުރުވުން ހިމެނެއެވެ. ނޫޙު ސޫރަތުގައި އަންގަވައިފައި ވެއެވެ. "ފަހެ ތިމަންކަލޭގެފާނު (ނޫޙުގެފާނު) ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.(10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.(11) "އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޓަކައި ކޯރުތައް ވެސް ލައްވާނެތެވެ.(12)" (سورة نوح)
ފާފަކުރުންހުއްޓައިލާށެވެ.ފާފައަށް އެނބުރި ރުޖޫޢަނުވުމަށް ޢަޒުމު ކަނޑައަޅާށެވެ. އަދި ފާފަ ފުސެއްވުންއެދި ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ. ތައުބާވެ، ހިތާމަކޮށް ރޯށެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ تعالىލޯބިވެވޮޑިގެންވެއެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު