މަހަކު އެއްފަހަރު ޤުރުއާން ޚަތިމުކުރުން

10 މަސް ކުރިން
|
0

ކީރިތި ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އެ ފޮތަށް ލިބިފައިވާފަދަ ޝަރަފަކާއި ކަރާމާތެއް އެ ނޫން އެހެން އެއްވެސް ފޮތަކަށް ލިބިގެން ނުވެއެވެ. ދުނިޔޭގެ އެއްވެސް ފޮތަކީ ކިޔައިފި ކޮންމެ އަކުރަކަށް ސަވާބު ލިބޭނޭ ފޮތެއް ނޫނެވެ. އަދި ކިޔެއް ދުނިޔަވީ މަންފާއެއްގެ ގޮތުގައި ދާއިމީކޮށް ރުފިޔާއެއް ވިޔަސް ލިބޭނޭ ފޮތެއް ވެސް ނުމެނެތްމެއެވެ. ކީރިތި ޤުރުއާން ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި  އެ ފޮތުން މުސްލިމަކު ކިޔައިފި ކޮންމެ އަކުރަކަށް ސަވާބު ދެއްވާ ގޮތަށް، އިސްލާމީ ޝަރީޢަތުގައި ﷲ ވަނީ ކަނޑައަޅުއްވައިފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ސަވާބު ފުރިހަމަ ގޮތުގައި މުއުމިނުންނަށް ހޯދޭނޭ މަގު، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ކޮށްޓަވައިދެއްވައިފައެވެ. އެގޮތުން ކޮންމެ މަހަކު މަދުވެގެން އެއް ފަހަރު ޚަތިމުކޮށް ނިންމުމަށް އިރުޝާދުދެއްވައިފައި ވެއެވެ. ޢަބްދުﷲ ބިން ޢަމްރޫ رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. ކޮންމެ މަހަކު އެއްފަހަރު ޤުރުއާން ކިޔަވާށެވެ. ތިމަން ދެންނެވީމެވެ. ތިޔައްވުރެ ގިނައިން ތިމަންނާއަށް ކުރެވިދާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ހަތް ދުވަހަށްވުރެ އަވަހަށް ޚަތިމުނުކުރާށެވެ. (ބުޚާރީ) މި ޙަދީޘުން އެނގެނީ މި ކަންކަން ހުއްޓައިނުލާ ކުރެއްވުމަށް އެންގެވިކަމެވެ. އަދި ޞަޙާބީ ބޭކަލަކަށް އެ ފިލާވަޅުތައް ބަޔާންކޮށްދެއްވި ނަމަވެސް އެއީ މުޅި އުންމަތަށް ދެއްވާ ނަސޭހަތެވެ.

ލޮބިވެތި އެކުވެރިންނޭވެ! ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް ކިޔެވެނީ ކިހައި މިންވަރަކަށްތޯ ބަލައިލަމާހެއްޔެވެ؟ ހަމަގައިމުވެސް ވަރަށް ގިނަ މީހުން ރަމަޟާންމަހު ޚަތިމުކުރެއެވެ. ބައެއް މީހުން އެއްފަހަރަށްވުރެ ގިނަ ފަހަރު ވެސް އެ މަހުގައި ޚަތިމުކުރެއެވެ. އަނެއް ބަޔަކު ޚަތިމުކުރަން ފައްޓާފައި ވާގޮތެއް ނޭނގެއެވެ. އަނެއްކާ ވެސް އަނެއް އަހަރުގެ ރަމަޟާންމަހު ޚަތިމުކުރަން ފައްޓަނީއެވެ. ހިތްވަރުކުރަން ބޭނުންވެއެވެ. އުންމީދު އޮވެއެވެ. އެހެނަސް ނިމުމާ ހަމައަށް އެ ކަމުގައި ދެމިހުންނަން އުނދަގޫވަނީއެވެ.

އެއް މަސްދުވަސްތެރޭ ޚަތިމުކުރެވޭނޭ އެއް ގޮތަކީ ދުވާލަކު ފޮތެއް ކިޔެވުމެވެ. އެކަން ކުރުމަށް ޓަކައި ކޮންމެ ނަމާދަކަށް ފަހު ޤުރުއާނުން ހަތަރު ޞަފުޙާ ކިޔަވާށެވެ. އެއްފަހަރާ ހަތަރު ޞަފުޙާ ކިޔަވަން އުނދަގޫވަންޏާ ނަމާދުގެ ކުރިން ދެ ޞަފުޙާ އަދި ނަމާދުގެ ފަހުން ދެ ޞަފުޙާ ކިޔަވާށެވެ! މި ގޮތުގައި ހިތްވަރުކޮށްގެން އެއް މަސްތެރޭ ޤުރުއާން ޚަތިމު ކުރެވޭނެއެވެ.

ޤުރުއާން ކިޔަވަން ނުފަރިތަ މީހަކުނަމަ، ނުވަތަ އެއްގޮތަކަށް ވެސް ނޭނގުނަސް، މި ރޯދަމަހު ކީރިތި ޤުރުއާނާ އެކު އުޅެވޭތޯ ބަލަން ވާނެއެވެ. ކުރާނެ ކަމަކީ ކޮންމެ ދުވަހަކު ވެސް ޤުރުއާން އަޑުއަހާނީއެވެ. ދުވާލަކު ފޮތެއް އަޑުއަހައިގެން ރޯދަ ނިމެންވާއިރަށް ޚަތިމު އެއްކޮށް އަޑުއަހައި ނިންމޭތޯ ބަލާށެވެ! މި ރޯދަމަހު ކީރިތި ޤުރުއާނާ ކައިރިވެވޭތޯ ބަލަމާ ހިނގާށެވެ! q