ނުބެހޭ ކަންކަމާ ނުބެހެން އާދަކުރާށެވެ!

10 މަސް ކުރިން
|
0

އަޅުގަނޑުމެން އުޅެމުން މިދަނީ މުޅި ދުނިޔެ ބަވަނަވެފައިވާ ދިރުއުޅުމެއްގައެވެ. ކޮންމެ ދުވަހަކު މީސްމީޑިއާއާއި އަދި އެނޫން ވެސް ގޮތްގޮތުން އަޅުގަނޑުމެންނާ ގުޅުމެއް ނެތް އެތައް ޚަބަރެއް، ވާހަކައެއް އަޑުއިވެއެވެ. ގިނަ ވާހަކަތަކަކީ އޭގައި ފައިދާއެއް ނެތް، އަދި ކިޔެއް އެއީ ހަޤީޤަތެއްކަން ވެސް ޔަޤީންނުވާ ވާހަކަތަކެވެ. އެހެންނަމަވެސް، މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅި މިވަނީ އެފަދަ ކޮންމެ ވާހަކައަކަށް އެންމެންގެ ސަމާލުކަން އައިސް އެ މީހަކާ ގުޅުމެއް ނެތް ކަމަކަސް، އެކަމުގެ ވާހަކަ ދައްކާ ފަތުރާ ބުންޏޭބުންޏޭ ވާހަކަތަކެއްގައި މުޅި ދުވަސް ބޭކާރުވާފަދަ ގޮތަކަށެވެ. މިއީ އަޅުގަނޑުމެން މުސްލިމުން ވިސްނާލަން ޖެހޭ ނުރައްކާތެރިކަމެކެވެ.

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ» (الترمذي) މާނައީ: "މީހާގެ އިސްލާމްކަން ރަނގަޅުވެ ފުރިހަމަ-ވުމުގެ ތެރޭގައި، އޭނާއާ ނުބެހޭ ކަންކަމުގެ ތެރެއަށް ނުވަނުން ހިމެނެއެވެ." އެކަލޭގެފާނު މި ގޮތަށް އިރުޝާދު ދެއްވައިފައި ވާއިރު އަޅުގަނޑުމެންގެ ޢަމަލުތައް ހުރީ މިހެންތޯއެވެ؟ ކޮންމެ ދުވަހަކު ފޭސްބުކާއި ވައިބަރ ގްރޫޕުތަކާއި މިނޫން އެހެން ތަންތަނުގައި ވެސް ތިމާއާ ނުބެހޭ އެތައް ކަމެއްގެ ތެރޭގައި އުޅެވޭ މަންޒަރު ފެންނަލެއް މަދެއް ނޫނެވެ. މި އާދަ މި ގޮތަށް ހަރުލާފައި ހުރިކަން ގިނަ މީހުންނަށް ނުވެސް އެނގޭ ކަހަލައެވެ. ޣީބަބުނުމާއި، މަލާމާތްކުރުމާއި، ޒުވާބުކުރުމާއި މިފަދަ ނޭދެވޭ ޢަމަލުތައް ގިނަފަހަރު ކުރަނީ ތިމާއާ ނުވެސް ބެހޭ ކަންކަމުގެ ތެރެއަށް ވަދެވިގެންނެވެ.

މުސްލިމުންގެ ޢަމަލުތައް ހުންނަންވާނީ މި  ގޮތަކަށް ނޫނެވެ. އަލްއިމާމް މާލިކުގެ މުވައްޠާގައި ބަޔާންވެ އައިސްފައި ވެއެވެ. "ލުޤްމާނުލްޙަކީމުގެ އަރިހުގައި ދެންނެވުނެވެ. އަހުރެމެންނަށް މި ފެންނަ މަތިވެރި ދަރަޖައަށް ކަލޭގެފާނު ވާޞިލުވީ ކިހިނަކުންތޯއެވެ؟ ލުޤްމާނުގެފާނު ޖަވާބުދެއްވިއެވެ. "ތެދުބަހުން ވާހަކަދެއްކުމާއި އަމާނާތް އަދާކުރުމާއި ތިމަންކަލޭގެފާނާ ނުބެހޭ ކަންކަމާ ނުބެހި ދޫކޮށް-ލުމުންނެވެ." ލުޤްމާނުގެފާނަކީ ޙިކުމަތްތެރިކަމާއި މަތިވެރި ދަރަޖަ ލިބިގެންވާ ބޭކަލެކެވެ. އެފަދަ ދަރަޖައެއް ލިބުމުގެ ސަބަބުތަކުގެ ތެރޭގައި، ނުބެހޭ ކަންކަން ދޫކޮށްލުން ހިމެނުނީއެވެ.

އާދެ! ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ދެއްވި އިރުޝާދެއްގައި އޮވެއެވެ. «احْرِصْ عَلَى مَا يَنْفَعُك» (مسلم) މާނައީ: "ތިބާއަށް ފައިދާހުރި ކަންކަން ހޯދައިގަތުމަށް މަސައްކަތްކުރާށެވެ." އެހެންކަމުން ފައިދާއެއް ނެތް ކަންކަމުގައި ވަގުތުތައް ބޭކާރު ކޮށްގެންނުވާނެއެވެ.

ޞަޙީޙު މުސްލިމުގައި ބަޔާންވެގެން ވެއެވެ. "އަދި ތިން ކަމެއް ކުރުމުން އެއިލާހު ތިޔަބައިމީހުން ކުރެން ރުހިވޮޑިނުގަންނަވައެވެ. އެއީ (އެކަމެއްގެ ޙަޤީޤަތް ނޭނގި) ބުންޏޭބުންޏޭ ކިޔައި ވާހަކަ-ދެއްކުމާއި، ގިނައިން ސުވާލުކުރުމާއި، ބޭކާރުގޮތުގައި މުދާ ހޭދަކުރުމެވެ."

ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ކަންކަމާ-މެދު ސުވާލުދެންނެވުމުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އިރުޝާދުދެއްވި އެއް ކަމަކީ «أَمْسِكْ عَلَيْكَ لِسَانَكَ» (الترمذي) މާނައީ: "ތިބާގެ ހައްޔަރުގައި ތިބާގެ ދޫ ހިފަހައްޓާށެވެ." ވީމާ ތިމާއާ ނުބެހޭ ކަންކަމުގެ ވާހަކަ ދައްކައިގެން ނާކާމިޔާބު މީހަކަށްވުން އެދޭނީ ކާކުހެއްޔެވެ؟

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ» (مسلم) މާނައީ: "އަޑުއިވޭ ހުރިހާ ވާހަކައެއް ދެއްކުމަކީ އެ މީހަކު ދޮގުވެރިއަކަށްވުމަށް ފުދޭ ޢަމަލެކެވެ."

ދުޢާއަކީ ދޫރައްކާތެރިކުރާ އަދި ނުބެހޭ ކަންކަމުން ދުރުހެލިވާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ.