ދެއްކުންތެރިކަމުގެ ނިމުން

10 މަސް ކުރިން
|
0

الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ

ދެއްކުންތެރިކަމަކީ އިންސާނުންގެ ކިބައިގައި  ހުންނަ ސިފައެކެވެ. އިންސާނުންނަކީ ޝައިޠާނާގެ ކެހިވެރި މަޅިތަކުގައި ޖެހޭލެއް ވެސް އަވަސް ބައެކެވެ. ކޮށްލަންޖެހޭ މުހިންމު ސުވާލަކީ "ދެއްކުންތެރިކަން" އަޅުކަމުގެ ތެރެއަށް ވެއްދެނީ ކީއްވެބާއެވެ؟ ހެޔޮ ޢަމަލުތައް ދެއްކުންތެރިކަމުގެ ގޮތުން ކޮށްފިއްޔާ ﷲ تعالى، އެ ޢަމަލެއް ޤަބޫލު ނުކުރައްވާނެތެވެ.

މި ޒަމާނަކީ އެކެއް އަނެކެއްގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ޒަމާނެކެވެ. ބައެއް މީސްމީހުން އެ މީހުންގެ މުޅި ޙަޔާތް ވޭތުކުރަނީ މަޝްހޫރުކަން ހޯދޭތޯ ބެލުމުގައެވެ. ދެއްކުންތެރިކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ވެސް ކަންކަން އޮޅޭ ހިސާބަށް ދެއެވެ. އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. رسول الله صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ޝަހީދުވި މީހެއްގެއެވެ. އޭނާ ﷲގެ ޙަޟްރަތަށް ގެނެވޭނެތެވެ. ދެން އޭނާއަށް ދެއްވި ނިޢުމަތްތައް ހަނދާންކޮށްދެވޭނެތެވެ. އަދި އެކަން އެނާ ހަނދާން-ވާނެއެވެ. އޭނާއާ ސުވާލު ކުރެވޭނެތެވެ. "އެ ނިޢުމަތް-ތަކާމެދު ތިބާ ކަންތައްކުރި ގޮތަކީ ކޮބައިހެއްޔެވެ؟" އޭނާ ޖަވާބުދޭނެއެވެ. "މިއަޅާ ޝަހީދުވަންދެން އިބައިލާހުގެ މަގުގައި ހަނގުރާމަ ކުރީމެވެ." އޭނައަށް ބުނެވޭނެތެވެ. "ތިބާ ތިހެދީ ދޮގެކެވެ. އެހެނެއްކަމަކު ތިބާ ހަނގުރާމަކުރީ ތިބާއީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ، މީސްތަކުން ބުނުމަށް ޓަކައެވެ. ފަހެ ހަމަކަށަވަރުން އެހެން ބުނެވިއްޖެއެވެ." އަދި އަމުރު ކުރައްވާނެތެވެ. "އޭނާ ދަމާ ކޫއްތާފައި ގެންގޮސް ނަރަކައަށް މޫނުވަތަށް އެއްލައިލާށެވެ."

ދެވަނައީ ޢިލްމު އުނގެނުނު މީހެކެވެ. އޭނާ މީސްތަކުންނަށް ޢިލްމު އުނގަންނައިދިނެވެ. އޭނާއީ ޤުރުއާން ކިޔަވައިދިން ޤާރީއެކެވެ. ދީނީ މީހުންގެ ޝަރަފެކެވެ. ﷲގެ ޙަޟްރަތަށް އޭނާ ގެނެވޭނެތެވެ. އޭނާއަށް ދެއްވި ނިޢުމަތްތައް ހަނދާންކޮށްދެވޭނެތެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. އޭނާއާ ސުވާލު ކުރެވޭނެތެވެ. "ދުނިޔޭގައި ލިބުނު ޢިލްމުން ކުރީ ކޮން ކަމެއް ހެއްޔެވެ؟" އޭނާ ޖަވާބުދޭނެއެވެ. "މި އަޅާ ޢިލްމު އުނގެނުނީމެވެ. އަދި ކިޔަވައިދިނީމެވެ. ޤުރުއާން ކިޔެވީމެވެ." އޭނައަށް ބުނެވޭނެތެވެ. "ތިބާ ތިޔަހެދީ ދޮގެކެވެ. ތިބާ ޢިލްމު އުނގެނުނީ ދެއްކުމަށެވެ. މީސްތަކުން ޢިލްމުވެރިއެކޭ ބުނޭތޯއެވެ. ޤުރުއާންކިޔެވީ ވެސް ދެއްކުމަށެވެ. ތިބާއީ ޤާރީއެކޭ ބުނޭތޯއެވެ. ފަހެ ހަމަކަށަވަރުން އެހެން ބުނެވިއްޖެއެވެ." އަދި އަމުރު ކުރައްވާނެތެވެ. "އޭނާ ދަމާ ކޫއްތާފައި ގެންގޮސް ނަރަކައަށް މޫނުވަތަށް އެއްލައިލާށެވެ."

ތިންވަނައީ ތަނަވަސްކަމުގެ ނިޢުމަތް ދެއްވި މީހެކެވެ. އޭނާ ﷲގެ ޙަޟްރަތަށް ގެނެވޭނެތެވެ. ދެން އޭނާއަށް ދެއްވި ނިޢުމަތްތައް ހަނދާންކޮށްދެވޭނެތެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. އޭނާއާ ސުވާލު ކުރެވޭނެތެވެ. "ތިބާ އެ މުދަލުން ކުރީ ކޮން ކަމެއް ހެއްޔެވެ؟" އޭނާ ޖަވާބުދޭނެއެވެ. "މިއަޅާ އެ މުދަލުން ޞަދަޤާތްކުރީމެވެ. އިބަ އިލާހަށް ޓަކައެވެ." ﷲ އަންގަވާނެތެވެ. "ތިބާ ތިޔަ ހެދީ ދޮގެކެވެ. ތިބާ އެކަން ކުރީ ދީލަތި މީހެކޭ ބުނޭތޯއެވެ. ފަހެ ހަމަކަށަވަރުން މީސްތަކުން އެހެން ބުނެފިއެވެ." އަދި އަމުރު ކުރައްވާނެތެވެ. "އޭނާ ދަމާ ކޫއްތާފައި ގެންގޮސް ނަރަކައަށް މޫނުވަތަށް އެއްލައިލާށެވެ."

މިއީދެއްކުންތެރިކަމުގެނިމުންހުރިގޮތެވެ. މިފަދަ ކަންކަމުން ދުރުވެތިބެ އިޚްލާޞްތެރި ގޮތުގައި ހެޔޮ ޢަމަލުކުރުމުގެ ތައުފީޤުދެއްވާށިއެވެ! آمين.