މިދިޔަ އަހަރުގެ ރަމަޟާންމަހުން ރޯދައެއް ދޫވެފައިވާނަމަ އެރޯދަ ޤަޟާކުރުމަށް އަވަސްވެ-ގަންނަންޖެހެއެވެ. ބަލިހާލަތުގެ ސަބަބުން ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލުމަށްފަހު، އަހަރުގެ އެހެން ދުވަސްތަކެއްގައި އެ ރޯދަހިފައި ފުރިހަމަ ކުރަންޖެހޭކަން ކީރިތި ޤުރްއާނާ ސުންނަތުން ސާބިތުވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ (البقرة: ١٨٥)މާނައީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ރަށުގައި ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ." ގެއްލިފައިވާ ރޯދަތައް ޤަޟާކުރަން ޖެހުނަސް ޙައިޟު ނިފާސްކަމުގެ ދުވަސްތަކުގައި ގެއްލޭ ނަމާދު އިޢާދަކުރާކަށް ނުޖެހޭނެއެވެ. އެއީ ޙައިޟު ނިފާސްކަމުގެ ދުވަސްތަކުގައި ނަމާދުކުރުން ނަހީކުރައްވައިފައިވާތީ އެ ދުވަސްތަކުގައި ނުކޮށް ދޫކުރި ނަމާދުތައް ޤަޟާކުރަން ނުޖެހޭނޭކަން ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޞައްޙަ ސުންނަތުގެ އަލީގައި އެނގެން އޮންނާތީއެވެ.
ފާއިތުވެދިޔަ އަހަރުގެ ރޯދަމަހު ދޫވެފައިވާ ރޯދަތައް، އަންނަން އޮތް ރޯދަމަހުގެ ކުރިން ހިފައި ފުރިހަމަ ކުރަން ޖެހޭނެއެވެ. މި ކަމުގެ ދަލީލަކީ ޢާއިޝާ رضي الله عنهاގެ އަރިހުން ވާރިދުވެފައިވާ އަންނަނިވި ބަސްފުޅެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلا فِي شَعْبَانَ، وَذَلِكَ لِمَكَانِ رَسُولِ اللَّهِ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ» (رواه البخاري ومسلم) މާނައީ: (ޢާއިޝަތުގެފާނު ވިދާޅުވިއެވެ.) "ރަމަޟާންމަހުގައި ރޯދަތަކެއް ތިމަން-ކަމަނާއަށް ގެއްލޭކަމުގައި ވެއެވެ. ތިމަންކަމަނާއަށް އެ ރޯދަތައް ހިފޭވަރުވަނީ ޝަޢުބާންމަހުގައެވެ. އެއީ ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މަކާނަތަށް ޓަކައެވެ." (އެބަހީ: ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޚިދުމަތުގައި ހުންނެވުމަށް އިސްކަންދެއްވާތީ، ރަމަޟާންމަހުން ދޫވެފައި ހުންނަ ރޯދަތައް ޝަޢުބާންމަހާ ހަމައަށް ވެސް އެކަމަނާއަށް ނުހިއްޕެވި ލަސްކުރައްވާ ކަމެވެ. ނަމަވެސް އެންމެ ލަސްވެގެން ޝަޢުބާންމަހުގެ ތެރޭގައި އެ ރޯދަތައް ހިއްޕަވައި ފުރިހަމަ ކުރައްވާ ކަމެވެ.)
އަލްޙާފިޡު އިބްނު ހަޖަރު رحمه الله ވިދާޅުވެފައި ވެއެވެ. ޢާއިޝާ رضي الله عنهاގެ މި ބަސްފުޅާމެދު ވިސްނައިލުމުން އެނގޭ ކަމަކީ، ގެއްލިފައި ހުންނަ ރޯދަތައް ޝަޢުބާންމަހު ހިއްޕެވުމަށް އެކަމަނާ ސަމާލުކަން ދެއްވާ ކަމެވެ. މި ކަމުން ދޭހަވަނީ އަނެއް ރަމަޟާންމަސް އައުމުގެ ކުރިން ނުހިފި ހުންނަ ރޯދަތައް ޤަޟާކޮށް ނިންމަން ޖެހޭ ކަމާއި، އެކަން އެއަށްވުރެން ލަސްކުރުން ހުއްދަވެގެން ނުވާނޭ ކަމެވެ."
ދަންނާންޖެހޭ ކަމަކީ ގެއްލިފައިވާ ރޯދަތައް އަނެއް ރޯދަމަސް އަންނަންދެން އުޒުރެއްނެތި ނުހިފައި ލަސްކުރުން ފާފަވެރިވާނޭ ކަމެކެވެ. ވީމާ، ގެއްލިފައިވާ ރޯދަތައް ޤަޟާކުރުމަށް ފަރުވާތެރިވާން ޖެހޭނެއެވެ. އެކަމުގައި ލަސްކޮށްގެން ނުވާނެއެވެ. ޝަރުޢީ އުޒުރެއް އޮތް މީހާ މެނުވީއެވެ. އެފަދަ މީހާ ވެސް ވީ އެންމެ އަވަހަކަށް ގެއްލުނު ރޯދަތައް ހިފައި އެ އަދަދު ފުރިހަމަކުރުން ހުށްޓެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު