އިންސާނުންނަށް ވީތީ ކޮންމެ މީހަކީ ވެސް ފާފައިގެ އަހުލުވެރިއެކެވެ. އަދި މުސްލިމުންނަށްވީތީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ފާފައިން ޠާހިރުވެ އިޞްލާޙުގެ މަގުގައި ހިނގަން އެދޭނެއެވެ. ނަމަވެސް އެކަން ކުރާނީ ކިހިނެތްކަން ނޭނގި ހުއްޓާ އަނެއްކާ ވެސް އަނެއް ފާފައެއްގެ ތެރެއަށް ހުށަހެޅޭގޮތް ވެއެވެ. ތަކުރާރުކޮށް ފާފަކުރެވެން ފެށުމުން ހެޔޮ ކަމުގެ މަގުން އުންމީދު ކެނޑޭގޮތް ވެއެވެ. ދެން ތިމަންނާއަށް މި ނޫން ގޮތެއް ނެތޭ ހީވާ ހިސާބަށް މީހާގެ މާޔޫސްކަން ފޯރައެވެ.
ލޮބުވެތި ކިޔުންތެރިންނޭވެ! ތިބާއެކޭ އެއް-ފަދައިން މިއަޅާ ވެސް މިއީ ފާފަވެރިއެކެވެ. ﷲގެ ފުއްސެވުމަށް އެދިއެދި ހުރި މީހަކީމެވެ. އަޅުގަނޑު ވެސް ދަސްކުރަމުން މިއަންނަނީ ފާފައާ ދުރުގައި ހުންނާނޭ ގޮތެކެވެ. މި ކަންކަން ދަސްކުރާނީ އަޅުގަނޑުމެން އެކުއެކީގައެވެ.
ދަންނާށެވެ! ފާފަފުއްސަވައިތޯ ކުރުން އެންމެ ރަނގަޅު ޢަމަލުތަކަކީ؛ ވުޟޫކުރުމާއި، ފަރުޟު ފަސް ނަމާދުކުރުމާއި، ޙައްޖާއި ޢުމްރާވުމެވެ. ހެޔޮ ޢަމަލުގެ ތެރެއިން އެންމެ މަތިވެރި ޢަމަލަކީ ﷲ އެއްކައުވަންތަކުރުމެވެ. އަދި އެންމެ ނުބައިވެގެންވާ ޢަމަލަކީ އެއިލާހާ އެއް ސަފެއްގައި އެހެން ފަރާތްތައް ބައިވެރިކޮށް ޝަރީކުކުރުމެވެ.
އަދި ހަމައެހެންމެ ކިތަންމެ ކުޑަ ނަމަވެސް ކުށެއް ކުރެވިއްޖެއްޔާ އިސްތިޣްފާރުކުރާށެވެ. އެއީ "أستغفر الله" ކިޔުމެވެ. އަދި ވީ އެންމެ އަވަހަކަށް ހެޔޮ ޢަމަލެއް ކުރެވޭތޯ ބަލާށެވެ!
ތިބާގެ އަމިއްލަ ނަފުސަށް ކުރެވޭނޭ އެންމެ ހެޔޮ ޢަމަލަކީ ﷲގެ ޒިކުރު ގިނަކުރުމެވެ. އެއިލާހު ހަނދުމަކުރުން ތަކުރާރުކުރުމެވެ. ޒިކުރުގެ ތެރެއިން އެންމެ މާތް ޒިކުރަކީ ތައުޙީދުގެ ކަލިމަ ކިޔުމެވެ. އެއީ އީމާންކަމުގެ އެންމެ މާތް ދަރަޖަ ވެސް މެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. «الْإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللَّهُ ...» (رواه البخاري) މާނައީ: "އީމާންކަމުގައި ހަތްދިހަ އެތައް، ނުވަތަ ފަސްދޮޅަސް އެތައް ބައެއް ވެއެވެ. ފަހެ އޭގެތެރެއިން އެންމެ މާތް ދަރަޖައަކީ لَا إِلَهَ إِلَّا اللَّهُ ކިޔުމެވެ."
އެއިލާހު ހަނދުމަކުރާނޭ މަތިވެރި ކަލިމައެއް އުނގަންނައިދެއްވުމަށް ﷲ ޙަޟްރަތުގައި މޫސާގެފާނު ދެންނެވިކަމަށާއި، އެކަލޭގެފާނަށް ﷲ އުނގަންނަވައި-ދެއްވީ "لَا إِلَهَ إِلَّا اللَّهُ" މި ކަލިމަތައް ކަމަށް ޞައްޙަ ޙަދީޘުގައި އޮވެއެވެ. މި ކަލިމަތައް އިވިވަޑައިގެން މިއަށްވުރެ ޚާއްޞަ ކަލިމަތަކެއް އުނގަންނަވައި ދެއްވުމަށް އެދިވަޑައިގެންނެވުމުން، ﷲ އެންގެވީ ހަތް އުޑާއި އެތަނުގައިވާހައި އެއްޗެއް ތިމަން އިލާހުފިޔަވައި އަދި ހަތްބިމާ އެތަނުގައި ވާހައި އެއްޗެއް ގެނެސް ތިލަފަތުގެ އެއް ކޮޅަށް ލާފައި އަނެއްކޮޅަށް މި ކަލިމަތައް ލީ ކަމުގައި ވިޔަސް ބަރުވާނީ މި ކަލިމަތައް ކަމުގައެވެ.
އެހެންކަމުން ފާފަފުއްސަވައިތޯ ހެޔޮ ޢަމަލު-ކޮށް "لَا إِلَهَ إِلَّا اللَّهُ" މި ކަލިމަ ޒިކުރުކުރުންމަތީ ދެމިހުރެވޭތޯ ބަލާށެވެ! q
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު