الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
ﷲ تعالىވަނީ ބައެއް މައްސަރުތައް ޙުރުމަތްތެރި ކުރައްވައިފައެވެ. އެއިލާހު ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން އުޑުތަކާއި ބިން ޚަލްޤުކުރެއްވި ދުވަހުއްސުރެ، ﷲ ކަނޑައަޅުއްވައިފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ އަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެ ތެރެއިން ހަތަރު މަސް ޙުރުމަތް-ތެރިވެގެން ވެއެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ އެ މައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން އަނިޔާވެރި ނުވާހުށި-ކަމެވެ." (سورة التوبة: 36)
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަހަރެއްގައި ބާރަ މައްސަރު ވެއެވެ. އޭގެ ތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެން ވެއެވެ. (އެއީ) ޖެހިޖެހިގެން އަންނަ ތިން މަސް: ޛުލްޤަޢްދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި (ހަތަރުވަނައީ) ޖުމާދާއާއި ޝަޢުބާނުގެ ދެމެދަށް އަންނަ މުޟަރުގެ ރަޖަބެވެ." [رواه البخاري (3167)] މުޟަރަކީ ޢަރަބިންގެ ޤަބީލާއެކެވެ. މި ޙަދީޘްގައި މުޟަރު ޤަބީލާއަށް ރަޖަބުމަސް ނިސްބަތްކުރައްވައިފައި ވަނީ އެބައިމީހުންނަކީ ރަޖަބުމަހަށް ޚާއްޞަކަމެއް ދީ، އެ މަހަށް މާތްކޮށް ހިތައި އުޅުނު ބަޔަކަށް ވާތީއެވެ. [ބައްލަވާ: تحفة الأحوذي للمباركفوري (7 / 389)]
ޙުރުމަތްތެރިކުރައްވައިފައި ވާ މައްސަރުތަކަށް އެ ނަމުން ނަން ދެވުނު ސަބަބާ މެދުގައި ޢިލްމުވެރިން މައިގަނޑު ދެ ކަމެއް ފާހަގަކުރައްވައިފައި ވެއެވެ. ފުރަތަމައީ: އެ މަސްތަކުގެ ޙުރުމަތްތެރިކަމުގެ ބޮޑުކަމުންނެވެ. ހުރިހާ މައްސަރުތަކެއްގައި ވެސް ފާފަކުރުމަކީ ނަހީކުރައްވައިފައިވާ ކަމެކެވެ. ވަކިން ޚާއްޞަކޮށް ޙުރުމަތްތެރިކުރައްވައިފައި ވާ މައްސަރު-ތަކުގައި ފާފަތަކުން ދުރުހެލިވާން ޖެހެއެވެ. ދެވަނައީ: އެ މަސްތަކުގައި އިސްވެ ހަނގުރާމަކުރުން ނަހީކުރައްވައިފައި ވުމުންނެވެ. އެހެނަސް ކާފިރުން އިސްވެ ހަމަލާދީފިނަމަ އެ ދުވަސްތަކުގައި ވެސް ހަނގުރާމަ ކުރެވޭނެއެވެ. ޢަރަބި ބަހުގައި مُحَرَّمގެ މާނައަކީ: ޙުރުމަތްތެރިކުރައްވައިފައި ވުމެވެ. [ބައްލަވާ: زاد المعاد لابن القيم (3 / 302 - 303) وتفسير السعدي (ص: 336)]
އެ ހަތަރު މަހަކީ ޙުރުމަތްކުރައްވައިފައިވާ ހަތަރު މަސްކަމުގައި ލެއްވުމުގެ ޙިކުމަތާ ބެހޭގޮތުން އިބްނު ކަޘީރު رحمه اللهވިދާޅުވިއެވެ. "ޙުރުމަތްތެރި-ކުރައްވައިފައިވާމައްސަރުތަކުގެ ގޮތުގައި ހަތަރު މަސް ލައްވައިފައި ވެއެވެ. އޭގެ ތެރެއިން ތިން މައްސަރު އަންނަނީ ވިދިވިދިގެންނެވެ. އެއީ ޙައްޖާއި ޢުމްރާގެ އަޅުކަން އެ ދުވަސްވަރުގައި އަދާކުރުމަށެވެ. އެ ގޮތުން ޙައްޖުމަހުގެ ކުރިން ޛުލްޤަޢްދާމަސް ޙުރުމަތްތެރި ކުރެއްވިއެވެ. (އެ މަހަށް ރަށުގައި ތިބޭ މަހުގެ ނަމުން ނަންދެވުނީ) އެއީ މީސްތަކުން އެ މައްސަރުގައި ހަނގުރާމަ ނުކޮށް ރަށުގައި ތިބޭތީއެވެ. އަދި ޙައްޖުމަސް ޙުރުމަތްތެރިކުރެއްވީ އެ މަހުގައި ޙައްޖުގެ އަޅުކަން އަދާކުރާތީއެވެ. އަދި އެ މަހަށް ފަހުގައި މުޙައްރަމުމަސް ޙުރުމަތްތެރި ކުރެއްވީ އެންމެ ދުރު ރަށްތަކުން ވެސް ޙައްޖަށް އަންނަ މީހުން އަމާންކަމާ އެކުގައި އެނބުރި ރަށަށް ދިޔުމަށް ޓަކައެވެ. އަދި އަހަރުގެ މެދު ތެރޭގައިވާ ރަޖަބުމަސް ޙުރުމަތްތެރިކުރެއްވީ ޢަރަބި ޖަޒީރާގެ އެންމެ ދުރުން އަންނަ މީހުންނަށް ވެސް ގެފުޅަށް ޒިޔާރަތްކޮށް، ޢުމްރާކޮށްފައި އަމާންކަމާ އެކު އެ މީހެއްގެ ރަށަށް އެނބުރި ދިޔުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ޓަކައެވެ." [تفسير ابن كثير (4 / 148)]
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު