ޝައިޠާނާގެ ދެ ދަޅު

10 މަސް ކުރިން
|
0

މީލާދީ އައު އަހަރުގެ ފެށުން ފާހަގަ ކުރަން ނިކުމެތިބި ބައެއް މީހުން؛ ރަތް ކުލައިން ދިއްލޭ ގޮތަށް ހަދާފައިވާ ދެ ދަޅު ސިފަވާ ގޮތަށް ހުރި، ބޭންޑެއް ބޮލުގައި އަޅައިގެން އުޅުނު މަންޒަރުތަކެއް މީޑިޔާއިން ފެނުނެވެ. ހެލޮވީން ނުވަތަ އެނޫން ވެސް ހުޅަނގުގެމުނާސަބަތުތައްދިވެހީންގެތެރޭފާހަގަކޮށް އުޅޭ މީހުން މިފަދަ ދެ ދަޅު ސިފަވާ ގޮތަށް ހުންނަ ބޭންޑު އަޅައިގެން އުޅުން ވަނީ އާންމުވެފައެވެ.

މި ދެ ދަޅު ސިފަކޮށްދެނީ ޝައިޠާނާގެ ދެ ދަޅޭ ވެސް ބައެއް މީހުން ބުނެއެވެ. މި ބަހަށް އިންކާރު ކުރާނޭ ބަޔަކު ވެސް ތިބޭނޭކަން ކަށަވަރެވެ. ޣައިރު ދީންތަކުގެ މިފަދަ ގިނަ މުނާސަބަތުތަކުގައި އިސްލާމް-ދީނާ ޚިލާފު އެތައް ޢަމަލުތަކެއް އެ މީހުން ކޮށް-އުޅެއެވެ. މިފަދަ ހަރަކާތްތަކުގައި ބަނގުރާއާއި މަސްތުވާތަކެތީގެ ބާވަތްތައް އާންމުވުމުގެ އިތުރުން ޝައިޠާނީ އެތައް ކަމެއް ހިންގައެވެ. ހުޅަނގުގެ ގައުމުތަކުގައި ފާހަގަކުރާ މިފަދަ ކޮންމެ ހަފުލާއެއް، ކޮންމެ މުނާސަބަތެއް މިއަދު އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ވެސް ކުލަގަދަކޮށް ފާހަގަކުރެއެވެ.

ޝައިޠާނާގެ ދެ ދަޅުގެ ވާހަކަ ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅުތަކުގައި އައިސްފައި ވެއެވެ. ބައެއް ބަސްފުޅުތަކުގައި ވަނީ ޝައިޠާނާއަށް އަޅުކަންކުރާ މުޝްރިކުންގެ ޢަމަލުތައް ހުންނާނޭ ގޮތުގެ ވާހަކައެވެ. ފަރުޟު ފަސް ނަމާދުގެ ވަގުތުތައް ބަޔާން ކޮށްދެއްވައި، ސުންނަތް ނަމާދު-ކުރުން ނަހީވެގެންވާ ވަގުތުތައް ކިޔައިދެއްވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «صَلِّ صَلَاةَ الصُّبْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ، فَإِنَّهَا تَطْلُعُ حِينَ تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ، وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ» (رواه مسلم: 832) މާނައީ: "ފަތިސްނަމާދު (އޭގެ ވަގުތުގައި) ކުރާށެވެ. އެއަށްފަހު އިރު-އަރަންދެން (ސުންނަތް) ނަމާދުކުރުން ހުއްޓައިލާށެވެ. އެހެނީ އިރުއަރާހިނދު، އިރު އަރަނީ ޝައިޠާނާގެ ދެ ދަޅުގެ ދެމެދުންނެވެ. އަދި އެ ވަގުތަކީ ކާފިރުން އިރަށް ސަޖިދަޖަހާ ވަގުތެވެ." ދެން މަޣްރިބުނަމާދުގެ ވަގުތު ބަޔާން ކުރައްވަމުން ވެސް ހަމަ އެފަދައިން ޙަދީޘްކުރެއްވިއެވެ. "އަސުރުނަމާދު ކުރުމަށްފަހު އިރު އޮއްސިއްޖައުމަށް ދާންދެން ސުންނަތް ނަމާދުކުރުން ހުއްޓައިލާށެވެ. އެހެނީ އިރުއޮއްސޭހިނދު އިރު އޮއްސެނީ ޝައިޠާނާގެ ދެ ދަޅުގެ ދެމެދުންނެވެ. އަދި އެ ވަގުތަކީ ކާފިރުން އިރަށް ސަޖިދަޖަހާ ވަގުތެވެ."

މިފަދަ ޙަދީޘްތަކުގައި، ޝައިޠާނާގެ ދެ ދަޅޭ އޮތް ބަސްފުޅަށް ދަންނަބޭކަލުން ގެންނަވައިފައިވާ ޝަރަޙައިގެ ތެރެއިން ފާހަގަ ކޮށްލަންޖެހޭ ކަމަކީ، އިރުއަރާ ގަޑިއާއި އިރުއޮއްސޭ ގަޑީގައި ކާފިރުން އިރަށް ސަޖިދަކުރާއިރު ޙަޤީޤަތުގައި އަޅުކަން އެ ކުރަނީ ޝައިޠާނާއަށް ކަމެވެ. ވީމާ، މުޝްރިކުން އަޅުކަންކުރާ ގޮތާއި، އަޅުކަންކުރާ ތަންތަނާއި، ޝިރުކުކުރުމުގައި ބޭނުންކުރާ ރަމްޒުތަކާއި ބުދުތަކުން އަޅުގަނޑުމެން މުސްލިމުން އެއްކިބާވާން ޖެހޭނެއެވެ.

ވީމާ، ޣައިރު މުސްލިމުންގެ ފެޝަންތަކާއި، އެ މީހުން އުފާފާޅުކުރާ ދުވަސްތަކުގައި ކޮށްއުޅޭ މި ބާވަތުގެ ގިނަ ކަންކަމަކީ އަޅުގަނޑުމެން މުސްލިމުން ކުރުން އެކަށީގެންވާ ކަންކަމެއް ނޫނެވެ. ޝައިޠާނާ ސިފަވާފަދަ ރަމުޒުތަކާއި، ޝައިޠާނާގެ ދެ ދަޅާއި ފިޔަގަނޑާއި އަދި މިނޫން ވެސް ނިޝާންތައް ކުރަހާފައި ހުންނަ ޓީޝާޓް ނުވަތަ ހެދުން ލުމުން އެއްކިބާވުމާއި، އަދި އެތަކެއްޗަށް ލޯބިކުރުމާއި އެފަދަ ތަކެތި ބޭނުން ކުރުމުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެއެވެ.