މަކަރުހެދުމަކީ ޚިޔާނާތެކެވެ.

10 މަސް ކުރިން
|
0

އެއްވެސް މުޢާމަލާތެއްގައި މަކަރުހެދުމަކީ ޚިޔާނާތެކެވެ. ގަސްތަކާލައިގެން މެނުވީ އެއްވެސް މީހަކު މަކަރެއް ނުހަދާނެއެވެ. މަކަރުހަދަން ޖެހެނީ ބުނާ ބަހާ ކުރާ ޢަމަލާ ދިމާނުވާ ހިސާބަށް މީހާގެ ކަންތައް ދިޔުމުންނެވެ. މުސްލިމުންނަކީ އެއްވެސް ހާލެއްގައި އޭނާގެ އަނެއް މުސްލިމު އަޚާއާމެދު އެފަދަ ގޮތަކަށް ކަންތައްކޮށްގެން ވާނޭ މީހެއް ނޫނެވެ. މަކަރުހަދައި އޮޅުވައިލާ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫނެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «مَن غَشَّ فليسَ مِنِّي»  (رواه مسلم) މާނައީ: "މަކަރުހަދާ މީހުން ވަނީ ތިމަންމެންގެ ތެރެއަކުންނޫނެވެ."

މި ޙަދީޘަކީ ބާޒާރުގައި ތަކެތި ވިއްކާން ތިބި ބައެއްގެ ތެރޭ ހުރި ބަސްތާތަކެއްގެ ތެރެއަށް، ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަތްޕުޅުލައްވައި، ދަށުގައި ހުރި ކާނާ މައްޗަށް ނަންގަވައި އެ ތަކެތި ތެމިފައި ހުރުމުން އެ ކަމުގެ ސުވާލު، ވިއްކަން ހުރި މީހާއާ ކުރެއްވި ދުވަހެއްގައި ކަންހިނގައިދިޔަގޮތް ކިޔައިދޭ ޙަދީޘެކެވެ. އެ މީހާގެ ޖަވާބަކަށްވީ ވާރޭގެ ސަބަބުން ކާނާ ތެމުނީ ކަމަށާއި އެ ގޮތަށް ހުރުމުން މީހުން އެ ތަކެތި ނުގަންނާނެތީ ތެމިފައިހުރި ކާނާތައް ފޮރުވޭ ގޮތަށް މައްޗަށް ހިކި ތަކެތި އެޅީ ކަމަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ މީސްތަކުންނަށް ފެންނަ ގޮތަށް ހަލާކުވެފައިހުރި ތަކެތި ބެހެއްޓުމަށެވެ. ގަންނަ މީހާއަށް ލިބިދާނޭ ގެއްލުމަކުން ސަލާމަތް ކުރެއްވުމަށެވެ. އަދި ވިޔަފާރިވެރިޔާގެ އެ ޢަމަލު ސިފަކުރެއްވީ މަކަރުހެދުން ކަމުގައެވެ.

މިއީ މި ޒަމާނުގައި ވެސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ވިއްކަން ހުންނަ މުދަލުގައި ނެތް އެތައް ސިފައެއް އޭގައި ހުރި ކަމަށް ބުނެ އިސްތިހާރުކުރެއެވެ. ގަނެގެން ގެޔަށް ގެންނައިރު އޭގައި އުންމީދުކުރި އެއްވެސް ކަމެއް ނުހުރެއެވެ. ޚިދުމަތްދޭ ފަރާތްތަކުގެ ހާލު ވެސް ހަމަ މިފަދައެވެ. އޭގެ ފެންވަރާއި ފުރިހަމަކަން އޮންނަނީ ހަމައެކަނި އިސްތިހާރުގައެވެ. ޚިދުމަތުގެ ފެންވަރު މުޅިން ސުމެއް ނުވިޔަސް ބޮޑެތި އަދަދުން ދޭ ފައިސާގެ ބަދަލުގައި އުންމީދުކުރާ ވަރާ ގާތަށް ވެސް ގިނަ ފަހަރު ޚިދުމަތް ނުލިބެއެވެ.

މިއީ މިއަދު ހުރިހާ ދާއިރާއެއްގައި ވެސް ކަންހިނގާ ގޮތް ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މީގެ ދެ ދުވަސްކުރިން ނޫސްތަކުގެ ފަލަ ސުރުޚީއިން ފެނުނީ ޢުމްރާގެ ޚިދުމަތްދޭ ކުންފުންޏަކުން މުޢުތަމިރީންތަކަކާމެދު ކަންކުރި ގޮތުގެ ވާހަކައެވެ. އެ ނޫން އެހެން ކުންފުނިތަކުން ވެސް ޢުމްރާވެރިންނާމެދު އިހުމާލުވީ ވާހަކަތައް ވޭތުވެދިޔަ ހަފްތާތަކުގައި ރާއްޖޭގެ ނޫސްތަކުގައި ލިޔެފައި އޮތެވެ. ޢުމްރާއަށް ގެންދާނޭ މީހުން ހޯދާއިރު ކުރާ އިސްތިހާރާއި ދައްކާ ވާހަކައިގައި ހުންނަ ފުރިހަމަކަމާ އެއްވަރުގެ ޚިދުމަތެއް ދޭ ނަމަ މިއީ ހާދަހާ ސަވާބަކާއި ދަރުމައެއް އެބަޔަކަށް ލިބޭނޭ މަތިވެރި ޢަމަލެކެވެ. އެހެނަސް ފައިސާ އަތުގައި މެކުމުން ދަތުގައި މެކެނީކަން ވެސް ނޭނގެއެވެ. ކަމުގެ މާތްކަންދޫކޮށް އޮޅުވައިލުމުގެ ކުޑަދޮރުން ވަދެވެނީއެވެ.