އެފްބީއައި ބައިވެރިކޮށް ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ހޯދަން ފަށާފައިވާކަމަށް ފުލުހުން  ބުނެފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ އެހީ ހޯދުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އާއި ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދުމުން އަންނަކަމަށެވެ.

އަދި މީގެއިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށްމި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން އަދިވެސް ކުރިއަށްދާ ކަމަށެވެ.

މީގެކުރިން ވެސް ފުލުހުން ވަނީ، މަރުގެ ބޮޑެތި މައްސަލަތަކުގައި އެފްބީއައިގެ އެހީތެރިކަން ހޯދާފައެވެ.