އެމެރިކާގެ 47ވަނަ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ 47 ވަނަ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވިފައި ވުމުން އޭނާ އެމަޤާމުގެ ހުވާކޮށްފިއެވެ.

މި ފަހަރު ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ކުރީގެ އާދަކާދަޔާއި ޚިލާފަށް ކެޕިޓަލްގެ ރޮޓަންޑާ ބިލްޑިންގ ގެ އެތެރޭގައެވެ. މިގޮތަށް ރަސްމިއްޔާތު ބާއްވަން ނިންމީ ހާމަ ތަނުގައި ބާއްވަން މޫސުން ތަން ނުދިނުމުން ކަމަށް ބުނެވެ. 

ހުވާކުރުމަށްފަހު އޭނާ ދެއްކެވި ވާހަކަައިގައި ބުނީ އެމެރިކާއަށް މިއައީ އައު ރަންޒަމާނެއް ކަމަށެވެ. އޭނާގެ ސަރުކާރުން ގެންގުޅޭނެ އައު ސިޔާސަތުތަކެއް ވެސް ވަނީ އިއުލާނު ކޮށްފައެވެ. އެ ގޮތުން މެކްސިކޯ ކަނޑު ”އެމެރިކާގެ ކަނޑު“ ގެ ނަމަށް ބަދަލުކުރާނެ ކަމަށާއި ޕަނަމާ ކެނޭލް ޗައިނާގެ ކިބައިން އަނބުރާ ހޯއްދަނޭ ކަމަށް ބުންޏެވެ.

އިތުރަށް ޓްރަމްޕް ބުނީ ކޮންމެ ކަމެއްގައި ވެސް އެންމެ އިސްކަން ދޭނީ އެމެރިކާއަށް ކަމަށާއި އިންސާފުގެ ނިޒާމް އިސްލާހުކޮށް އަލުން ހަމަހަމަ ކުަނޭ ކަމަށެވެ. އެމެރިކާއަށް ދެން ފަހަތަށް ދިއުމެއް ނޯންނާނެކަމަށް  ބުނެ ވަރަށް ހަރުބަސްތައް ވެސް ބުންޏެވެ. 

އެމެރިކާގެ އަސްކަރީ ބާރުވެރިކަމާއި އަދި ދުނިޔޭގައި ހިންގަމުންދާ ހަނގުރާމަތަކަށް ބައްލަވާލައްވަމުން ޓްރަމްޕް ބުނީ އޭނާ ސުލްހަވެރިކަން ގާއިމް ކުރާނޭ ކަމަށެވެ. އަދި އެއްބައިވަންތަކަން ގާއިމް ކުރާ ވެރިއެއްގެ ގޮތަށް ދުނިޔެ އޭނަ ބަލައިގަންނާނެކަމަށެވެ.

ޓްރަމްޕު ވެރިކަމަށް ހުވާ ކުރުމުގެ ކުރިން ޣައްޒާއަށް ނަރަކަ ދައްކައިލާނަމޭ ބުނެފައި ވަނިކޮށް އެޤައުމުގެ އެއް ފަޚުރުކަމަށްވާ ލޮސްއެންޖަލިސްގައި ހުޅުރޯވެ މުޅިން އަނދާ އަޅިޔައްވާން ކައިރިވެފައެވެ.