ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ހިފެހެއްޓި އިސްރާއީލްގެ ތިން އަސީރަކު މިނިވަންކޮށް، ރެޑްކްރޮސްއާ ހަވާލުކޮށްފިއެވެ.
މި ތިން އަސީރުން މިނިވަން ކުރީ ޣައްޒާ ސިޓީގައި ހުންނަ އައް-ސިރާޔާ ސްކެއާގައެވެ. އެ ވަގުތު އެ ސަރަހައްދަށް ހަމާސްގެ ގިނަ އަދަދެއްގެ މުޖާހިދުންނާއި ފަލަސްތީނުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެފައިވެއެވެ. އަދި އެ ސަރަހައްދު އޮތީ ތަކުބީރުގެ އަޑުން ގުގުމާލައިފައެވެ.
ރެޑްކްރޮސްގެ ބެލުމުގެ ދަށުން ޣައްޒާ އިން ނެރެގެން އެ ތިން އަސީރުން ހަވާލުކޮށްފައިވަނީ އިސްރާއީލްގެ ސަލާމަތީ ބާރުތަކާއެވެ. ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާރު އެ ތިން މީހުން ތިބީ އިސްރާއީލްގެ ބާރު ހިނގި ޒައިތޫން ސަރަހައްދުގައެވެ.
އިސްރާއީލްގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން އެ ތިން މީހުންގެ މެޑިކަލް އެސެސްމަންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެ ތިން މީހުން ވެސް އާއިލާތަކާ ހަވާލު ކުރާނީ މެޑިކަލް އެސިސްމަންޓަށް ފަހުގައެވެ.
ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓާލުމުގެ އިތުރުން ހަމާސް އިން ޣައްޒާއަށް ގެންދިޔަ އަސީރުން މިނިވަން ކުރުމާއި އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ.
މި އެއްބަސްވުމަށް އަމަލު ކުރުމުގެ ގޮތުން އިސްރާއީލްގެ އޮފަރު ޖަލަށް ރެޑްކްރޮސްގެ ޓީމެއް މިހާރު ވަނީ ވަދެފައެވެ. އެއީ އެ ޖަލުގައި ތިބި ފަލަސްތީނުގެ ރައްޔިތުންތަކެއް މިނިވަން ކުރުމަށެވެ. އެއްބަސްވުމުގައިވާ ގޮތުން އިސްރާއީލްގެ ތިން އަސީރުންގެ ބަދަލުގައި ފަލަސްތީނުގެ 90 މީހުން މިނިވަން ކުރާނެ އެވެ.އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނުން އަދި ފިރިހެނުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ