ޣައްޒާ ހަނގުރާމަ: 15 މަސްދުވަހުގެ ނާމާންކަން ނިމުމަކަށް، ޣައްޒާގެ ހަނގުރާމަ މެދުކަނޑާލައިފި

ހައްދުފަހަނަ އަޅާފައުވާ އިސްރާއިލުން ޣައްޒާއަށް މެދު ނުކެނޑި 470 ދުވަސް ވަންދެން ދެމުން އައި ނިރުބަވެރި ހަމަލާތައް މެދުކަނޑާލައި، އެ ޤަތުލު އާންމު މެދުކަނޑާލުމަށް ގާއިމް ކުރެވުނު އެއްބަސްވުމަށް އަމަލުކުރަން މިއަދު ފަށައިފިއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ، އެކަމަށް ފުރަތަމަ ކަނޑައެޅި ގަޑިއާ އަޅާބަލާއިރު ތިން ގަޑިއެއްހާއިރު ލަހުންނެވެ. އެއްބަސްވުމަށް އަމަލުކުރަން ފުރަތަމަ ކަނޑައެޅި ގަޑިއަކީ ރާއްޖޭގަޑިން 11:30 އެވެ. ހަނގުރާމް ހުއްޓާލާފައިވަނީ ރާއްޖޭގަޑިން 14:15 ގައެވެ.

އިސްރާއީލުން ބުނެފައިވާގޮތުން އެއްބަސްވުމަށް އަމަލުކުރުން ލަސްވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ފުރަތަމަ ދުވަހު ހަމާސްއިން މިނިވަން ކުރަން ބުނާ އަސީރުންގެ ނަންތައް، އެއްބަސްވުމުގައި ބުނާ ގޮތަށް އާންމުކުރުން ލަސްވުމާ ގުޅިގެން ކަމަށެވެ.

އަސީރުންގެ ނަންތައް އާންމުކުރުން ލަސްވީ، ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ. މިއަދު މިނިވަން ކުރުމަށް ހަމެޖެހިފައިވާ އަސީރުންގެ ނަން ހިމެނޭ ލިސްޓު އާންމުކުރުމާއެކު އިސްރާއިލުގެ ބޮޑުވަޒީރު، ނަތަންޔާހޫ ވަނީ ހަނގުރާމަ މެދުކަނޑާލުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާ ކަން އިއުލާންކޮށްފައެވެ.

އެގޮތުން މިއަދު މިނިވަން ކުރުމަށއ ހަމަޖެގިފައިވަނީ 3 އަންހެން އަސީރުންނެވެ.އެއީ އިސްރާއީލުގެ ނިރުބަވެރި ސިފައިންހެ މީހަކާއި 2 ސެޓެލާއެވެ.

އެެއްބަސްވުމަށް އަމަލުކުރަން ފެށުމާ ހަމައަށް މިއަދު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 19 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 36 އަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ.