ރާއްޖެއިން އައު ވައްތަރެއްގެ މަހެއް ފެނިއްޖެ

ރާއްޖޭގެ ފަރުތަކުން އައު ވައްތަރެއްގެ މަހެއް ފެނިއްޖެއެވެ. މިމަހަށް ކިޔައިފައިވަނީ “ރަކި ބުރެކި“ އެވެ. މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ގުޅިގެން ކުރިއަށް ގެންދެވުނު އެކްސްޕެޑިޝަނެއްގައި މި މަސް ފެނިފައިވަނީ ކުރަމަތީ އައުޓަރ ރީފުގެ މޫދުގެ 100 އާއި 125 މީޓަރު ދޭތެރޭގެ ފުންމިނުންނެވެ. މި ސަރަޙައްދަކީ މޫދުގެ "ޓްވައިލައިޓް ޒޯން" ގެ ނަމުން މަޝްހޫރު، އަލިކަން ފަނޑު ސަރަޙައްދެކެވެ. މި ސަރަޙައްދަކީ ވަރަށް ޚާއްޞަ އަދި ތަފާތު ގިނަ ދިރުންތަކެއް އުޅޭ ތަނެއްކަން މި ހޯދުމުން ވަނީ ސާބިތުވެފައެވެ.

މި މަހަށް "ރަކި" މި ނަން ދެވިފައިވަނީ ދިވެހިބަހުން "ރަކި" ނުވަތަ ލަދުގަތުމުގެ މާނައިގައެވެ. މި ބާވަތުގެ މަސްތައް ވަރަށް ފޮރުވިގެން އުޅޭކަމަށާއި، ސަރވޭތައް ކުރިއަށްދާއިރު ގިނަފަހަރު ފެންނަން ނުހުންނަކަމަށް ތަޙްޤީޤުވެރިން ފާހަގަކޮށްފައިވެއެވެ. އަދި ޑައިވަރުން ފެނުމުން މި މަސް ފިލާ ކަމަށް ބުނެފައިވެއެވެ.

ރަކި ބުރެކި ފެނިފައިވަނީ އއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުންނެވެ. މިހާތަނަށް މި މަސް ފެނިފައިވަނީ ހަމައެކަނި ރާއްޖެއިންނެވެ. މި މަހަކީ 2-3 އިންޗި ދިގުމިނުގެ ކުޑަ މަހެކެވެ. މިއީ ސެރަނިޑޭ (Serranidae) ޢާއިލާގެ މަހެކެވެ. މި ޢާއިލާގައި ހިމެނެނީ ގިނަގުނަ ކުލަތަކާއި، ތަފާތު ސައިޒުތަކާއި ބޮޑެތި ކަނޑުމަސްތަކެވެ.

ދާދިފަހުން ވެސް ރާއްޖޭގެ ކަނޑުން އައު ވައްތަރެއްގެ މަހެއް ފެނިފައި ވެއެވެ.