އައު އަހަރެއް

10 މަސް ކުރިން
|
0

ފެށިގެން މި އަންނަނީ އަނެއްކާ ވެސް އައު އަހަރެކެވެ. ފާއިތުވެ އަލްވަދާޢު އެކީ ޙަޔާތުގެ ދުވަސްތަކެވެ. މިފެށޭ 2025ވަނަ އަހަރުގެ 365 ދުވަހަކީ އަހުރެމެންނަށް ޔަޤީންކަމާ އެކު ރަހުނު-ކުރެވިފައި އޮތް ދުވަސްތަކެއް ނޫނެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ނިމިދިޔަ އަހަރާއި އޭގެ ކުރިން ވޭތުކުރި އަހަރުތަކަކީ އެ ދުވަސްތަކުގައި އަހުރެމެން ކުޅަ ޢަމަލުތަކާއިގެން ރަހީނުކުރެވި ބަނދެވިފައި ވާ ދުވަސްތަކެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ﴾‏ ‎(المدثر: ٣٨(‏ މާނައީ: "ކޮންމެ ނަފުސެއްމެ، އެ ނަފުސެއް ހޯދައިގަތް ކަމަކުން ވަނީ ބަނދެވިގެންނެވެ."

ބަޔަކު މީހުން މީލާދީ އާ އަހަރު އައުމުން ޝަރުޢުވެގެން ނުވާ ޢީދެއްގެ ގޮތުގައި ނަޙީތަކާއި މުންކަރާތްތައް ފަތުރައިގެން އެ ދުވަސް ފާހަގަކޮށް އުފާކޮށް އުޅެތެވެ. ޢަޖައިބެކެވެ! މީހާގެ އުމުރުގެ ދުވަސްތައް މަދުވެ، ކަށަވަރުން ވެސް އަންނާނެ މަރާ ގާތްވާ ކަމުގެ ހަނދާން ވުމުން ކުރާންވީ އުފާތޯއެވެ؟ ނުވަތަ އަހަރުމެން މި ތިބަ ޣާފިލުކަމުގެ ނިދިން ހޭއަރައި ޙަޔާތާ މެދު ފުންކޮށް ވިސްނަންވީ ނޫންތޯއެވެ؟ ރައުސްމާލުގެ ގޮތުގައި ލިބިފައިވާ މަދު ދުވަސްތައް ވުނަކޮށް (އިންވެސްޓްކޮށް) ވަގުތުތައް ހޭދަކުރާނީ ކޮން ކަމެއް ކުރުމުގައިތޯ ފިކުރުކޮށްލުން މާ ބުއްދިވެރި ނޫންތޯއެވެ؟

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ކަމަށް ޝައްދާދު ބިން އައުސް رضي الله عنهގެ އަރިހުން ރިވާވެގެންވިއެވެ. "ބުއްދިވެރިއަކީ، އޭނާގެ އަމިއްލަ ނަފުސު ހިސާބުކޮށް، މަރުވުމަށްފަހު އަންނާނޭ ޙަޔާތަށް ޓަކައި (ހެޔޮ) ޢަމަލުކުރާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ، އެ މީހެއްގެ ހަވާނަފުސަށް ތަބާވެ ބޭނުންހައި ގޮތަކަށް އުޅުމަށްފަހު، ﷲގެ ޙަޟްރަތުން އުއްމީދުތައްކުރާ މީހާއެވެ.“ (ތިރްމިޛީ) ވިދާޅުވީ މިއީ ހަސަނު ޙަދީޘެއް ކަމުގައެވެ. އަދި "އެ މީހެއްގެ ނަފުސު ހިސާބުކުރުން" މި ބަހުގެ މާނައަކީ، ޤިޔާމަތް-ދުވަހު އެ ނަފުސު ހިސާބުކުރެއްވުމުގެ ކުރިން، ދުނިޔެ މަތީގައި އޭނާގެ އަމިއްލަ ނަފުސު ހިސާބު-ކުރުމެވެ. އަދި ޢުމަރު ބިން އަލްޚައްޠާބު رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. "ތިޔަބައިމީހުން ހިސާބު-ކުރެއްވުމުގެ ކުރިން، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ހިސާބުކުރާށެވެ! އަދި އެންމެ ބޮޑުވެގެންވާ ހުށަހެޅުމަށް (އެބަހީ: ޤިޔާމަތްދުވަހަށް) ތިޔަބައިމީހުން (ތައްޔާރުވެ) ޒީނަތްތެރިވާށެވެ. އެހެނީ ޤިޔާމަތްދުވަހު ހިސާބުބެއްލެވުން ލުއިވެގެންދާނީ  ދުނިޔެމަތީގައި އެ މީހެއްގެ އަމިއްލަ ނަފުސު ހިސާބުކުރި މީހަކަށެވެ."

މައިމޫން ބިން މިހްރާން رحمه اللهގެ އަރިހުން ރިވާވެގެންވެއެވެ. "މީހެއްގެ (ވިޔަފާރީގެ) ހިއްސާދާރު، އެ މީހާ ކާބޯތަކެއްޗާއި އުނުފޭރާން ހޯދީ ކޮންތާކުންތޯ ބަލާ ފަދައިން، އެ މީހާގެ އަމިއްލަ ނަފުސު ވެސް ހިސާބުކޮށްފުމަށް ދާންދެން، ތަޤުވާވެރިއަކު ކަމުގައި އެ މީހަކު ނުވާހުއްޓެވެ." (جامع الترمذي: 2459)

އައުއަހަރު ފެށޭއިރު މީހުން 'ރިސޮލިއުޝަން' ނުވަތަ ޢަޒުމްތައް އައުކޮށް އިޢުލާނުކޮށް ހަދާތީ ފެނެއެވެ. އަހަރުމެން މުސްލިމުންނަށް އައުލާކަން އެންމެ ބޮޑީ، ވޭތުވެދިޔަ އަހަރު ކުރެވުނު ފާފަތަކާއި، އިސްރާފުކުރެވުނު ވަގުތުތަކާއި ފަރުވާކުޑަކުރެވުނު އަޅުކަންތައްހަނދާންކޮށް،ނަފުސުހިސާބުކޮށްލުމެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވުމެވެ. މި ފެށޭ އަހަރު އެފަދަ ކަންކަމަށް ރުޖޫޢަނުވެ ދުރުގައި ތިބުމަށް ޢަޒުމުކަނޑައެޅުމެވެ. އަޅުކަންކުރުން އިތުރުކުރުމެވެ. ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވުމެވެ. ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކުރުމަށް ޢަޒުމުކުރުމެވެ. ޟުޙާ ނަމާދާއި ވިތުރިކުރުމާއި، ކޮންމެ ދުވަހަކުމެ ކީރިތި ޤުރުއާނުން މިންވަރެއް ކިޔެވުމާއި އޭގެ އާޔަތްތަކާމެދުވިސްނާފިކުރުހިންގުމަށްޢަޒުމުކުރުމެވެ. މި ފެށޭ އަހަރުގައި ހެޔޮ ޢަމަލު އިތުރުކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ. آمين.