الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
މުސްލިމަކު މަރުވުމުން އޭނާގެ މައްޗަށް ކަށުނަމާދުކޮށްދިނުމަކީ ދިރިތިބީންގެ މައްޗަށް އޮތް ކިފާޔަތުގެ ފަރުޟެކެވެ. މާނައަކީ މީސްތަކުންގެ ތެރެއިން ބަޔަކުމީހުން އެކަން ކުރުމުން އެންމެންގެ ކިބައިން ފަރުޟުކަން ކެނޑިގެން ދާނެއެވެ. ކަން މިހެން އޮތް ނަމަވެސް، ކަށުނަމާދުގެ ދަރުމައާއި ސަވާބު އެނގިއްޖެ އެއްވެސް ބުއްދިވެރިއަކު ދޫކޮށްލާނޭ ނަމާދެއް ކަމުގައި ކަށުނަމާދު ނުވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «مَنِ اتَّبَعَ جِنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّىٰ عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا، فَإِنَّهُ يَرْجِعُ مِنَ الْأَجْرِ بِقِيرَاطَيْنِ؛ كُلُّ قِيرَاطٍ مِثْلُ أُحُدٍ، وَمَنْ صَلَّىٰ عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ، فَإِنَّهُ يَرْجِعُ بِقِيرَاطٍ» [صحيح البخاري 47] މާނައީ: "އީމާންކަމާ އެކު، ﷲގެ ޙަޟުރަތުން ދަރުމައަށް އެދޭ ޙާލު، މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ ކަށުނަމާދުކޮށް ގަބުރު ވަޅުލަންދެން ބައިވެރިވެއްޖެ މީހާ އެނބުރި ދާހުށީ ދެ ޤީރާޠުގެ އަޖުރާ އެކުގައެވެ. ކޮންމެ ޤީރާޠެއް އުޙުދު ފަރުބަދަ ފަދައެވެ. އަދި ކަށުނަމާދުގައި އެކަނި ބައިވެރިވެފައި އެނބުރި ދިޔަނަމަ، އޭނާ އެނބުރި ދަނީ ޤީރާޠަކާ އެކުގައެވެ." އުޙުދު ފަރުބަދައަކީ މަދީނާގައި ހުރި ބޮޑު ބިޔަ ފަރުބަދައެކެވެ. މި ފަރުބަދައިގެ ދިގު މިނުގައި ގާތްގަނޑަކަށް 7.5 ކިލޯމީޓަރު ހުންނައިރު، އުސް މިނުގައި ހުންނަނީ ގާތްގަނޑަކަށް 1000 މީޓަރެއެވެ. އިތުރުއެކަލޭގެފާނު ބަޔާންކުރައްވައިފައި އެވަނީ ކަށުނަމާދުގައި ބައިވެރި ވާ މީހާއަށް އެ ބޮޑު ބިޔަ އުޙުދު ފަރުބަދައިގެ މިންވަރަށް ސަވާބު ލިބޭނޭ ކަމުގެ ވާހަކައެވެ. އެހެންކަމުން ކަށުނަމާދުން ލިބޭ މިހާ ބޮޑު އަޖުރަކުން މަޙުރޫމުވާން އެއްވެސް ބުއްދިވެރިއަކު ބޭނުން ނުވާނޭކަން ކަށަވަރެވެ!
ކަށުނަމާދުގެ ދަރުމައާއި ސަވާބުގެ މިންވަރު މިހައި ބޮޑުވެގެން ވާއިރު ވެސް، މި ނަމާދަކީ އަޅުގަނޑުމެންގެ ބައެއް މީހުން އެ ނަމާދަކާ މެދު އިހުމާލު ވާ ނަމާދެއްކަމީ ހިތާމަހުރި ކަމެކެވެ. ބައެއް ފަހަރު، ޖަނާޒާއެއްގައި ބައިވެރި ވާ މީހުން ވެސް، ކަށުނަމާދު ކުރާ ވަގުތު ނަމާދަށް އެރުމުގެ ބަދަލުގައި މިސްކިތުގެ ޙަރިންމައިގެ ތެރޭ ނަމާދު ނިމޭނޭއިރެއްގެ އިންތިޒާރުގައި ތިބޭ މަންޒަރު ފެނެއެވެ. އަދި ނަމާދަށް އަރާ ބައެއް ފަރާތްތައް ވެސް، މި ނަމާދު އެންމެ ފުރިހަމަ ގޮތުގައި ކުރާން ނުދަނެއެވެ. އަދި ނަމާދުކުރާން ނުދަތުމުގެ އިތުރަށް ނަމާދުކުރާ ގޮތާމެދު ސުވާލެއްކުރަން ވެސް ލަދުވެތި ވާ ތަން ފެނެއެވެ. އިމާމު މީހާ ނަމާދު ފެށުމުގެ ކުރިން ނަމާދު ކުރާ ގޮތް ކުރުކޮށް ކިޔައިދޭ ވަގުތުގައި ވެސް ހަނދާން އައު ވާނީ ދަސްކޮށްފައި ވާ އެއްޗެއް ނޫން ތޯއެވެ؟ މިހެންކަމުން، ކޮންމެ މުސްލިމަކު ވެސް ކަށުނަމާދުކުރާ ގޮތް ދަސްކުރުމަކީ ވަރަށް ބޭނުންތެރި، އެހާމެ މުހިންމު ކަމެއްކަން ކަށަވަރެވެ!
ކަށުނަމާދުގައި ރުކޫޢު ކުރުމެއް އަދި ސަޖިދަ ކުރުމެއް ނުވެއެވެ. މި ނަމާދުގައި ވަނީ ހަތަރު ތަކުބީރެވެ. ފުރަތަމަ ފަހަރު اللهُ أَكْبَرُ ކިޔައި ހަށަންބަނުމަށްފަހު، أعوذ، بسم ކިޔައި، ސޫރަތުލް ފާތިޙާ (الحمد) ކިޔަވާނީއެވެ. ދެވަނަ ފަހަރު اللهُ أَكْبَرُ ކިޔައި ހަށަންބަނުމަށްފަހު، ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. ތިންވަނަ ފަހަރު اللهُ أَكْبَرُ ކިޔައި ހަށަންބަނުމަށްފަހު، މައްޔިތާގެ މައްޗަށް ދުޢާ ކުރާނީއެވެ. ހަތަރުވަނަ ފަހަރު اللهُ أَكْبَرُ ކިޔައި ހަށަންބަނުމަށްފަހު، ސަލާންދޭނީއެވެ.
އިމާމު މީހާގެ ފުރަތަމަ ތަކުބީރާ އެކު ޖަމާޢަތުގައި ބައިވެރި ނުވެވުނު މީހާ ވެސް އިމާމު މީހާއާ އެކު ނަމާދު ކުރާނީއެވެ. އިމާމާއާ އެކު ބައިވެރި ވެވުނު ތަކުބީރަކީ، އޭނާގެ ފުރަތަމަ ތަކުބީރެވެ. އިމާމާ ސަލާންދިނުމުން، އޭނާއަށް ގެއްލުނު ތަކުބީރުތަކާއި އެ ތަކުބީރުތަކަށް ފަހު ކިޔާން އޮންނަ ދުޢާތައް ކިޔައި، އޭނާގެ ނަމާދު ފުރިހަމަ ކުރާން ވާނެއެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު