އަހަރެއްގެ ނިމުން އައީއެވެ. ޙަޔާތުން ދުވަސް-ތަކެއް ދިޔައީއެވެ. ފާއިތުވެގެންދާ އެންމެ ހިނދުކޮޅަކީ ވެސް އަނބުރާ ގެނެވޭނޭ އެއްޗެއް ނޫނެވެ. އަލްޙަޞަނުލް ބަޞަރީ رحمه الله ވިދާޅުވެފައި ވެއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. އެ ދުވަސްތަކުން ބައެއް ފާއިތުވެގެން ދިޔުމަކީ ތިބާގެ ހަށިގަނޑުން ބައެއް ތިބާއާ ވަކިވެގެން ދިޔުންފަދަ ކަމެކެވެ." (حلية الأولياء 2/148) ތިބާގެ ވަށައިގެންވާ ކޮންމެ އެއްޗެއް އަދި ހިނގަމުންދާ ކޮންމެ ކަމެއް ހެކިދެނީ ވަގުތުގެ މުހިންމު ކަމުގެ މައްޗަށެވެ. ކޮންމެ ދުވަހަކަށް އިރުއަރައި އޮއްސެމުން-ދަނީއެވެ. ކޮންމެ ހަނދުމަހެއްގައި ހުޅަވި ހަނދު ފެނުމަށްފަހު، އެ ހަނދު ބޮޑުވަމުން ގޮސް ސާދަވިލޭރޭގެ ފުރިހަމަ ހަނދަކަށް ވެއެވެ. އެ ހަނދު ފެނިފައި މީސްތަކުންގެ ހިތްތައް އުފާވެއެވެ. އެއަށްފަހު އަނެއްކާ ވެސް އެ ހަނދު ކުޑަވަމުން ހުލިވަމުން ގޮސް ހަނދުމަސް ނިމިގެން ދެއެވެ. ހުޅަނގު މޫސުން ނިމި އިރުވައި މޫސުމާ ލައިގަނެއެވެ. ވިއްސާރަ މޫސުން ނިމިގޮސް ހޫނުކަން ގަދަ ހަނަފަސް ދުވަސްތައް ވެސް އާދެއެވެ.
ކޮންމެ ދުވަހަކަށް އިރުއޮއްސޭ ވަގުތު އުޑުމަތިން އަރަމުންދާ ކުލަތަކުން ދައްކާ މަންޒަރުތަކުގެ ފޮޓޯނަގަން ހުޅަނގު ފަރާތަށް ބަލަހައްޓައިގެން ތިބެނީ ކިތައް މީހުން ހެއްޔެވެ؟ އޭގައި ޝާޢިރީ ބަސްކޮޅެއް ލިޔެފައި އެ ފޮޓޯ މީސްމީޑިޔާއަށް ދޫކޮށްލަނީ ކިތައް މީހުން ހެއްޔެވެ؟ ނަމަވެސް ޙަޔާތުން ބީވެގެންދާ ވަގުތުގެ އަގުކުރެވެނީ ކިތައް މީހުންނަށް ބާއެވެ؟
އައްޝައިޚު މުޙައްމަދު ޖަމީލު ދީދީ رحمه اللهގެ ޅެމެއްގައި އޮވެއެވެ. "ހާމަވީ ރީތި މަންޒަރުތަކޭ ނެތި ދަނީ، މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ، ދާ މަގުން ދުނިޔެ ހިނގަމުން މިހިރަގެންދަނީ، އާ މަގެއްގައި ހިނގޭކަށް ނެތޭ އަންގަނީ" ތެދެކެވެ! ދުނިޔޭގެ ޙަޤީޤަތަކީ މިއީއެވެ. ރީތި މަންޒަރުތައް ލޮލުގެ ކުރިމަތީ ފެނި، އިސާހިތަކު އެ މަންޒަރުތައް ބަދަލުވެގެން ދެއެވެ. ގުލްޝަނުގައި ފަރިވެފޮޅޭ މާތަކުގެ ރީތިކަމާއި މީރުވަސް އިސާހިތަކު އެ މާތަކާ ވަކިވެގެންދެއެވެ. މިއީ ދުނިޔެ ހިނގާ މަގެވެ.
ދުނިޔެއިން އިންސާނާއަށް ލިބިފައިވާ އެންމެ އަގުހުރި ރައުސްމާލަކީ އޭނާގެ ޙަޔާތުގެ ވަގުތުތަކެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައެވެ. «نِعْمَتانِ مَغْبُونٌ فِيهِما كَثِيرٌ مِنَ النَّاسِ، الصِّحَّةُ والفَراغُ» (رواه البخاري رقرم: 6412) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ކަންފަސޭހަކޮށްލާ ފަރުވާކުޑަކޮށްލާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތު ސަލާމަތްވެގެން ވުމާއި، ހުސް ވަގުތު ލިބިގެން ވުމެވެ."
އެ ނިޢުމަތެއްގެ ފައިދާ ހެޔޮ ގޮތުގައި ލިބި-ނުގަނެވުމުގެ މައްޗަށް ޤިޔާމަތްދުވަހު އިންސާނާ އެންމެ ބޮޑަށް ހިތާމަ ކުރާނޭ ނިޢުމަތަކީ ވަގުތުގެ ނިޢުމަތެވެ. ފުރާނަ ހަށިގަނޑާ ވަކިވާ ހިސާބުން ފެށިގެން ވެސް އިންސާނާއަށް އޭނާ އަތުން ބީވެގެން ދިޔަ މި މަތިވެރި ނިޢުމަތުގެ ހަނދާންކޮށް ހިތާމަކުރާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ﴾ (الفجر: ٢٣)މާނައީ: "އެ ދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާއަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟" އެ ދުވަހުން ހަނދާން-ކުރުމުގެ ފައިދާ ވެސް އޭނާއަށް ގެއްލިގެން ދިޔައީއެވެ. ވީމާ، ދުނިޔޭގެ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު