ކިޔަވާ ކުދިން އަނބުރާ މަދަރުސާއަށް ދާ ދުވަސް އައިސް ޖެހުނީއެވެ. އައު އަހަރަކަށް އައު އުންމީދުތަކަކާ އެކު އައު ފެށުމެއް ކަމުގައި ހެދޭތޯ ވަރަށް ގިނަ ދަރިވަރުން މަސައްކަތް ފަށައެވެ. އަދި ހިތްވަރާ އެކު ކިޔެވުމަށް ޢަޒުމުކަނޑައަޅައެވެ. ތަޢުލީމީ ޙަޔާތް ފެށުމުގެ ކުރިން މި ޢަޒުމާއި ހިތްވަރުގެ ވާހަކަ މައިންބަފައިންނަށް ކިޔައިދެއެވެ. އަދި ސްކޫލުތަކަށް ނުކުމެފައި ޓީޗަރުންނަށް ވެސް ކިޔައިދެއެވެ. އަދި އެހެން ދަރިވަރުންނަށް ބުނެދީ އެ ކަމަށް އެހެން ކުދިންނަށް ހިތްވަރުދީ ހަދައެވެ.
ބައެއް ދަރިވަރުންނަށް މާކަށް ގިނަ ދުވަހު މި ޢަޒުމުގެ މަތީ ދެމިނުތިބެވެއެވެ. ސްކޫލުގެ ޙަޔާތް އެކި ކުދިނަށް ސިފަކުރެވެނީ އެކި ގޮތަށެވެ. ވަގުތީ މަޖަލަކާ އުފަލެއް ކަމުގައި ސިފަކުރާ ދަރިވަރުންނާއި މާ ގިނަ ވަގުތު ނެތް މަދު ދުވަސްކޮޅެއް ކަމުގައި ދެކޭ ދަރިވަރުން އުޅެއެވެ. މަދަރުސާގެ ދުވަސްތަކަކީ މަޖާކޮށް އުފާކުރުމުގެ ދުވަސްތަކެއް އެކަނި ކަމުގައި ދެކޭ ކުދިންނަށް، އަހަރު ފަށާއިރު، ކަނޑައަޅާ ޢަޒުމުގެ މަތީ ދެމިނުތިބެވެއެވެ. އިސާހިތަކު ސްކޫލަށް އަންނަ މަޤްޞަދު ހަނދާންނެތި، ކުރި ޢަޒުމުގެ މަތިން ވެސް ފޫހިވާން ފަށައެވެ. ޢަޒުމެއްކޮށްފިއްޔާ އެ ކަމުގެ މަތީ ސާބިތުވެ ހުރުމަށް ﷲއަށް ވަކީލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ﴾ (آل عمران: ١٥٩) މާނައީ: "ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲއަށް ވަކީލުކުރައްވާށެވެ!"
ލޮބުވެތި ދަރިވަރުންނޭވެ! ތިޔަ ކުދިން އަނބުރާ މަދަރުސާއަށް ދާއިރު، މިދިޔަ އަހަރުގެ ހުރިހާ ކަމަކުން ޢިބުރަތް ހާސިލުކުރަން ވާނެއެވެ. ރަނގަޅު ކަންކަން ދަމަހައްޓާށެވެ! އަދި ނުރަނގަޅު މަގުން ކުރެވުނު ހުރިހާ ކަމެއް ދޫކޮށްލާށެވެ! ކިޔެވުމަކީ ގަހެއް ނަމަ، ތިޔަ ދަރިވަރަކީ ޑަރޯގާއެވެ. ގަހަށް ފެންދީ އޭގެ ވަށައިގެން ކުނިބުނި ސާފުކޮށް، ގަހަށް ބޭނުންވާ ކާނާއަޅައި ހިކިފަތް ކަނޑާ ގަސް ރީތިކޮށް ބެލެހެއްޓުމަކީ ޑަރޯގާގެ މަސައްކަތެވެ. ފުރިހަމައަށް އެ ކަންކަން ކުރަންޏާ ގަސް ހެދޭނީ އޭގެ ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން މަތީގައެވެ. އާޚިރުގައި ގަހުން ލިބޭ މޭވާ ގިނަވެފައި މުޑުވައް ހެޔޮ ވާނެއެވެ.
މި މިސާލުން ބުނެދޭން މި އުޅެނީ ތިޔަ ދަރިވަރުންގެ ކިޔެވުމަށް ކުރަންޖެހޭ މަސައްކަތެވެ. ދުވަހުންދުވަހަށް ފިލާވަޅުތައް ނިންމާ ގެޔަށް ދޭ މަސައްކަތްތައްކޮށް ފިލާވަޅު ކިޔައި ފަރިތަކޮށް އަދި ބޭނުންޖެހޭނެ ބައިބައި ހިތުން ވެސް ދަސްކޮށް ބުރަ ހިތްވަރާ އެކު މަސައްކަތް ކުރާ ދަރިވަރަށް ލިބޭ ކާމިޔާބީ ބޮޑުވެފައި އިތުރު ވާނެއެވެ. ރަނގަޅު މުޑުވައް ލިބޭ ގަހެއް ފަދައިން ތިޔަ ދަރިވަރުގެ ކިބައިން ވެސް އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ކުރާ ފައިދާ ބޮޑުވާނެއެވެ. އެހެންކަމުން ތިޔައިން ކޮންމެ ދަރިވަރަކު އަނބުރާ މަދަރުސާއަށް ދާއިރު އައު ޢަޒުމަކާ އެކު އައު އަހަރު ފަށާށެވެ. އެ ޢަޒުމުގެ މަތީ ސާބިތުވެ ހުރުމަށް ﷲއަށް ވަކީލުކުރާށެވެ! q
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު