ނަބަވީ ދައުރުގެ ޤާޟީންނާއި ޤަޟާގެ އިޚްތިސާސް

10 މަސް ކުރިން
|
0

މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ-އަކީ މި އުންމަތުގެ ފުރަތަމަ ޤާޟީއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. "ހަމަކަށަވަރުން ތިމަން-ކަލޭގެފާނަކީ އާދަމުގެ ދަރިއަކީމުއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޤަޟިއްޔާތަކާއިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނަމުއެވެ. ފަހަރެއްގައި ތިޔަބައިމީހުންގެ ތެރެއިން އެއްބައި މީހުންނަކީ އަނެއްބައި މީހުންނަށް-ވުރެ ދުލުގެ ޙުއްޖަތް ވަރުގަދަ ބަޔަކަށްވެދާނެއެވެ. ފަހެ ތިޔަބައިމީހުން އިއްވާ ޙުއްޖަތަށް ބިނާކޮށް ތިމަންކަލޭގެފާނު ޙުކުމްކުރައްވަމެވެ. ފަހެ އެ މީހެއްގެ އަޚާގެ ޙައްޤުން މިންވަރެއް ތިމަންކަލޭގެފާނު އެ މީހަކަށް ޙުކުމް ކުރެއްވިޔަސް ފަހެ އޭގައި ނުހިފާށެވެ. ފަހެ ހަމަކަށަވަރުން އެއީ ތިމަންކަލޭގެފާނު އެ މީހަކަށް ކަނޑައިދޭ އަލިފާނުގެ އެތިކޮޅެކެވެ."

الله تعالىގެ ޝަރީޢަތުގައި ޤަޠްޢީ ޙުކުމެއް ނުވާ ކަންކަމުގައި ޙުކުމް ކުރެއްވުމުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަކީ ވެސް އާންމު އިންސާނެކެވެ.    ފަހެ، ޤަޟިއްޔާތަކުގައި އެކަލޭގެފާނުގެ ދަރުބާރުގައި ޚަސްމުން ދައްކާ ޙުއްޖަތްތައް އަޑުއެއްސެވުމަށްފަހު، އެކަލޭގެފާނަށް ބުރަވެވަޑައިގެންނެވޭ ފަރާތަކަށް އިޖްތިހާދުކުރައްވާ ޙުކުމްކުރައްވައެވެ.

ނަބަވީ ދައުރުގައި ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަމިއްލަފުޅަށް ޤާޟީކަން ކުރެއްވުމުގެ އިތުރަށް، ބައެއް ޞަޙާބީންނާ ވެސް ޤަޟާގެ މަސްއޫލިއްޔަތު އެކަލޭގެފާނު ޙަވާލުކުރައްވައިފައި ވެއެވެ. މި ގޮތުން ޢަލީގެފާނާއި، މަޢުޤިލް ބިން ޔަސާރުގެފާނާއި، އަބޫމޫސާ އަލްޢަޝްޢަރީގެފާނާއި، މުޢާޛު ބުން ޖަބަލުގެފާނު ޔަމަނުކަރައިގެ އެކި ހިސާބުތަކަށް ޤާޟީންގެ ގޮތުގައި ފޮނުއްވިއެވެ. އަދި މައްކާ ފަތަޙަކުރެއްވުމަށް ފަހުގައި މައްކާއަށް ވާލީއެއްގެ ގޮތުގައްޔާއި، ޤާޟީއެއްގެ ގޮތުގައި އައްތާބު ބުން އަސީދުގެފާނު އައްޔަންކުރެއްވިއެވެ. ބަޙްރައިންއަށް އަލްޢަލާއު ބިން އަލްޙަޟްރަމީ ވާލީއެއްގެ ގޮތުގައްޔާއި، ޤާޟީއެއްގެ ގޮތުގައި ފޮނުއްވިއެވެ.

އެންމެ ޤަޟިއްޔާއެއްގައި ޙުކުމްކުރެއްވުމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބައެއް ޞަޙާބީން ޢައްޔަންކުރެއްވިއެވެ. މި ގޮތުން ޢަމްރު ބުން އަލްޢާޞްގެފާނާއި، ޢުޤުބާ ބިން ޢާމިރުގެފާނާއި، ޙުޛައިފާ ބިން ޔަމާންގެފާނު ވަކި ޚާއްޞަ މައްސަލަތަކެއްގައި ޙުކުމްކުރެއްވުމަށް ޢައްޔަނު-ކުރެއްވިއެވެ.

ނަބަވީ ދައުރުގެ ޤަޟާގެ އިޚްތިސާސަށް ބަލާއިރު ފާހަގަކުރެވެނީ ޤަޟާއާއި ވެރިކަމުގެ ބާރާއި ގުޅިލާމެހިފައިވާ މިންވަރުގެ ބޮޑުކަމެވެ. މަދީނާގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޤާއިމުކުރެއްވި އިސްލާމީ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ އެކަލޭގެފާނެވެ. އެ މަސްއޫލިއްޔަތުގެ އިތުރަށް އެކަލޭގެފާނު ގެންދެވީ ޤަޟާގެ ދާއިރާގެ މަސައްކަތްޕުޅުތައް ވެސް ކުރައްވަމުންނެވެ. އެއީ އެ ކަމުގެ ޢިލްމުތަކާއި އުސޫލުތަކާއި އަދަބުތައް އުންމަތަށް ދަސްކޮށްދެއް-ވުމަށެވެ. މީގެ އިތުރަށް މުސްލިމުން ފަތަޙަކުރާ ސަރަހައްދުތަކާއި، އިސްލާމްދީން ޤަބޫލުކުރާ ސަރަޙައްދުތަކަށް ޢައްޔަންކުރައްވާ ވެރިންނާ ވެރިކަމުގެ ބާރާއި، ޤަޟާއީ ބާރު ވެސް ޙަވާލު-ކުރައްވައެވެ. އާންމު ގޮތެއްގައި ޙާލަތު މި ގޮތަށް އޮތް ކަމުގައި ވިޔަސް، ބައެއް ފަހަރު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ހަމައެކަނި ޤަޟާގެ މަސްއޫލިއްޔަތު ބައެއް ޞަޙާބީންނާ ހަވާލުކުރައްވައި ސަރަހައްދުތަކަށް ފޮނުއްވައިފައެވެ.

ނަބަވީ ޒަމާނުގެ ޤަޟާގެ ޙާލަތަށް ބަލާއިރު ވަކި ސަރަހައްދެއްގެ ޤާޟީކަމުގެ އިޚްތިސާސް ބައެއް ޞަޙާބީންނަށް ދެއްވިކަން ފާހަގަކުރެވެއެވެ. އަދި ހުރިހާ ޤަޟިއްޔާތަކެއްގައި ފައިސަލާކުރުމުގެ އިޚްތިސާސާއި، ވަކި މައުޟޫއެއްގެ ޤާޟީކަމުގެ އިޚްތިސާސް ވެސް ބައެއް ޞަޙާބީންނަށް ދެއްވިކަން ފާހަގަކުރެވެއެވެ. އަދި ހަމައެހެންމެ ވަކި މުއްދަތަކަށް ޤާޟީކަމުގެ އިޚްތިސާސް ދެއްވިކަން ވެސް ފާހަގަކުރެވެއެވެ.