ޙަލާލު ތަކެތި ކެއުން

10 މަސް ކުރިން
|
0

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމީ ޝަރީޢަތުގައި އަޅުގަނޑުމެން ކެއުމަށް ހުއްދަކުރައްވައިފައި ވަނީ ފައިދާ ހުރި ރަނގަޅު ތަކެއްޗެވެ. އަދި ޙަރާމް ކުރައްވައިފައި ވަނީ ގެއްލުން ހުރި ހަޑިމުޑުދާރު ތަކެއްޗެވެ. الله تعالى ވަޙީކުރެއްވިއެވެ. ‎﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾‏  ‎(الأعراف: ١٥٧)‏ މާނައީ: "އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލު ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ޙަރާމް-ކުރައްވައެވެ."

ޙަލާލު ތަކެތި ކެއުމަށް ސަމާލުކަން ދެއްވާށެވެ. އަދި ޙަލާލު އާމްދަނީއިން ކާބޯތަކެތި ހޯދުމަށް ވެސް ސަމާލުވެލައްވާށެވެ. އެހެނީ އެއީ ދުޢާ އިޖާބަވުމުގެ ސަބަބެކެވެ. ޙަރާމް ތަކެތި ކެއުމަކީ ދުޢާ އިޖާބަވުމުން މީހާ މަޙްރޫމުކުރުވާ ކަމެކެވެ. ފާފައެކެވެ. ނަރަކައަށް ވަންނަން ޖެހިދާނޭ ސަބަބެކެވެ. އަދި އެއީ އެ މީހެއްގެ މުދަލާއި ދިރިއުޅުމުގެ ކަންކަމުން ބަރަކާތް ކެނޑި، ފަހުން ހިތާމަކުރަން ޖެހޭ ކަމެކެވެ. އަދި ހަމައެހެންމެ ތަފާތު އެކި ބާވަތްތަކުގެ ބަލިތައް ޖެހުމަށް މެދުވެރިވެދާނޭ ސަބަބެއް ވެސް މެއެވެ.

ޣައިރު މުސްލިމުންގެ ޤައުމުތަކަށް ދަތުރުކުރާ-އިރު ވަކިން ޚާއްޞަކޮށް މި ކަމަށް ސަމާލުކަން ދެއްވާށެވެ. އެބައިމީހުންނަކީ ކެއިންބުއިމުގައި އަޅުގަނޑުމެންނަށް ޙަލާލު ނޫން އެތައް އެއްޗެއް ކައިބޮއި އުޅޭ ބައެކެވެ. ފަހެ އެކަމުގައި ފަރުވާކުޑަ-ނުކުރައްވާށެވެ! الله تعالى ވަޙީކުރެއްވިއެވެ. ﴿وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ﴾ (الأنعام: ١٢١)‏  މާނައީ: "(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެ ތަކެތިން ކެއުމަކީ އުރެދުމެއްކަން ކަށަވަރެވެ."

ކާފިރު ޤައުމުތަކަށް ދަތުރުކޮށް އުޅޭއިރު ކެއުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި؛ އެ އެއްޗެއްގެ މަސްކެއުން ހުއްދަ ޖަނަވާރެއް ކަމުގައި ވުމާއި، އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް ކަތިލާފައިވާ ޖަނަވާރެއްގެ މަސް ކަމުގައި ވުމާއި، އިސްލާމްދީނުގައި ކެއުން ޙަރާމް ކުރައްވައިފައިވާ އެއްޗެއް (މިސާލަކަށް: ރާ ނުވަތަ އޫރު މަސް) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާނާއެއް ނޫންކަން ކަށަވަރުކުރުން ހިމެނެއެވެ. ކާފިރު ބައެއް ޤައުމުތަކުގައި ކާބޯތަކެތި ތައްޔާރުކުރާއިރު މިފަދަ ތަކެތި ބޭނުންކޮށް އުޅުމަކީ ވަރަށް އާންމު ކަމެކެވެ.

މީގެ އިތުރުން ފުޅައާއި ކުރަތްޕާއި ސޫފިތަކާ އަދި މި ނޫނަސް އެހެނިހެން އެކި ބާވަތްބާވަތުގެ ފަނިފަކުސާތަކާއި މިފަދަ އެހެން ތަކެތި ކާފިރުންގެ ޤައުމުތަކުގައި ކެއުމަށް ޓަކައި އެބައިމީހުން ބޭނުންކުރާތީ ފެނެއެވެ. އެބައިމީހުން އެ ތަކެތި ތައްޔާރުކުރަނީ ސާފު ތަންތަނުގައި ކަމަށް ވިޔަސް، އޭގެ ޒާތުގައި އެއީ ހަޑިމުޑުދާރު ތަކެއްޗެވެ. އަދި ޠަބީޢީ ގޮތުން، އެފަދަ ތަކެތީގައި އެތައް ގެއްލުންތަކެއް އެކުލެވިގެންވުން އެކަށީގެންވެއެވެ. އެހެންކަމުން އެފަދަ ތަކެތި ކެއުމަކީ ހުއްދަ ކަމެއް ނޫނެވެ. [ބައްލަވާ: المجموع للنووي (9 / 13) والمغني لابن قدامة (9 / 406)]

ދުޢާއަކީ الله تعالى، އަޅަމެންނަކީ އެއިލާހު ޙަލާލުކުރެއްވި ތަކެއްޗާ މެދުގައި ރުހި އަދި އެއިން ފުދިގެންވާ ބައެއް ކަމުގައި ލެއްވުމެވެ! އާމީން!