ޙައްޤާއި ބާޠިލާ ދެމެދުގައި އޮތް ކުރިމަތިލުންތައް ޤިޔާމަތާ ޖެހެންދެ ވެސް ދެމިގެން ދާނެއެވެ. މި އުންމަތުގެ މީސްތަކުންކުރެ ބަޔަކު ބާޠިލުގެ އަހުލުވެރިންނަށް ތަބާވާނެއެވެ. އަދި މި އުންމަތުގެ މީސްތަކުންގެ ތެރެއިން، ބަޔަކު ޤިޔާމަތާ ޖެހެންދެން ޙައްޤު ދީން މަތީ ސާބިތުވެ ތިބޭނެމެއެވެ. މިއީ މާތް ﷲ މިންވަރު ކުރައްވައިފައިވާ ގޮތުން ދުނިޔޭގެ ކަންހިނގާނޭ މަގެވެ. އެހެނަސް މީގެ މާނައަކީ އެއްގޮތަކަށް ވެސް ބާޠިލުގެ އަހުލުވެރީންގެ ގޮތްތަކަށް ތަބާވުން ހުއްދަ ކުރުމެއް ނޫނެވެ.
ނަޞާރާއިންގެ ބާޠިލު ޢަޤީދާގައި އެ މީހުންގެ އިލާހު ކަމަށް ދަޢުވާކުރާ ޢީސާގެފާނު އުފަންވެވަޑައިގެން ކަމަށް އެ މީހުން ބުނާ ދުވަސް، އާދެ! ކްރިސްމަސްދުވަސް ފާހަގަ ކުރަން އަޅުގަނޑުމެންގެ މި އިސްލާމީ މުޖްތަމަޢުގައި ވެސް ކޮންމެސް ބަޔަކު ހަރަކާތްތެރިވެ އުޅުނުއުޅުމަކީ ހިތާމަހުރި ކަމެކެވެ. ސިއްރިޔާތުގައެއް ނޫނެވެ. އެއްވެސް ބިރުވެތިކަމެއް ކަންބޮޑުވުމެއް ލަދެއްނެތި ފާޅުގައެވެ. މި ކަންކަން މި މަގުން ހިނގާނޭ ކަމުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ޙަދީޘްކުރައްވައިފައެވެ. ކުރިމަތީގައި ވެސް އޮތީ އެފަދަ ދުވަސްތަކެކެވެ.
ޙަދީޘް ފުޅެއްގައިވެއެވެ. «لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُمْ شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ سَلَكُوا جُحْرَ ضَبٍّ لَسَلَكْتُمُوهُ»، قُلْنَا يَا رَسُولَ اللَّهِ: 'اليَهُودَ، وَالنَّصَارَى' قَالَ: «فَمَنْ» (رواه البخاري، رقم: 3456) މާނައީ: "ކައިވަތަކުން ކައިވަތަކަށް، މުށަކުން މުށަކަށް (އެބަހީ: އެ މީހުންކުރާ ކަމަކަށް ކަމެއްކޮށް) ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ ގޮތްތަކަށް ތިޔަބައިމީހުން ތަބާވާނެތެވެ. އެ މީހުން ޟައްބު ހޮރަކަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެތަނަކަށް ވެސް ވަނީހެވެ." ޞަހާބީން ދެންނެވިއެވެ. "ތިޔަ ޙަދީޘް-ކުރައްވަނީ ނަޞާރާއިންނާއި ޔަހޫދީންގެ ގޮތްތަކަށް ތަބާވާނޭ ވާހަކަ ދެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެން އެނޫން ކޮންބައެއް ހެއްޔެވެ!؟"
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދެކޭ ގޮތުގައި، ޣައިރު މުސްލިމުން، އަޅުގަނޑުމެންގެ މުސްލިމުންގެ ދީނީ މުނާސަބަތުތަކުގައި ތަހުނިޔާ ކިޔައި ހަދައެވެ. ދެ ޢީދު ދެ ދުވަހާއި ރަމަޟާން-މަސް ފަދަ ދުވަސްތަކުގައި މުސްލިމުންނަށް ތަހުނިޔާ ފޮނުވައެވެ. ވީއިރު، އަޅުގަނޑުމެން އެ މީހުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔުމަކީ އެހާ ގޯސް ކަމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލަށް ދޭން އޮތް ޖަވާބަކީ، ޣައިރު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކީ އެ މީހުންގެ ދީނުގެ އެއްވެސް ހަމައަކަށް އުސޫލަކަށް ތަބާވާ ބައެއް ނޫނެވެ. ޣައިރު ދީންތަކުގެ ހަމަތަކުގައި އެފަދަ ކަންކަން މަނާކުރުމެއް ވެސް ނުމެ އޮވޭ މެއެވެ. މިއާ ޚިލާފަށް އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް ޝާމިލު ދީނެކެވެ. ތިމާއާ ތިމާގެ ވެރިރައްބާ ދެމެދު އޮންނަ ގުޅުންތަކުގެ އިތުރުން، ތިމާއާ އެހެން އިންސާނުންނާ އޮންނަ ގުޅުންތަކާއި ޖަނަވާރުތަކާމެދު މުޢާމަލާތްކުރަންވީ އުޞޫލުތަކާއި ހަމަތަކާއި އަޙްކާމްތައް ވެސް އިސްލާމްދީނުގައި ބަޔާންކުރައްވައިފައި ވެއެވެ.
ހަމައެއާ އެކު ވިސްނައިލަންޖެހޭ އަނެއް ނުކުތާއަކީ، ކޮންމެ ދީނެއްގެ ވެސް ޢީދުތަކާއި މުނާސަބަތުތައް ގުޅިފައިވަނީ އެބައެއްގެ ޢަޤީދާއާ ކަމެވެ. އެހެންކަމުން، މާތް ﷲއާ ޝަރީކުކުރާ ބައެއްގެ ޝިރުކީ ޢީދެއްގައި ތަހުނިޔާ ކިޔުމަކީ އެއްކައުވަންތަ އިލާހަށް އީމާންވާ މީހަކު އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަދިކިއެއްތަ! އީމާންކަމުގެ އަހުލުވެރީންނަކީ ތާއަބަދު އެފަދަ ކަންކަންމުން އެއްކިބާވެ ތިމާމެންގެ ޢަޤީދާއާމެދު ރައްކާތެރިވާންޖެހޭ ބައެކެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު