ތިޔަބައިމީހުން އިންކާރުކުރަނީ ކޮންކޮން ނިޢުމަތްތަކަކަށް ހެއްޔެވެ؟

10 މަސް ކުރިން
|
0

ނިޢުމަތްތައް އިތުރުވާން ކޮންމެ މީހަކު ވެސް އެދޭނެއެވެ. އެހެނަސް ޝުކުރުވެރިވާކަށް ހަނދާނެއް ނުހުރެއެވެ. ނުވަތަ ޒަމާންތަކެއްގެ މަސައްކަތަށްފަހު ތަނަވަސްކަން އިތުރުވެގެން އަންނައިރު، އެއީ އޯގާވަންތަ އިލާހުގެ ކިބައިން ލިބުނު ނިޢުމަތް-ތަކެއްކަން، ހަނދާނުގައި ނުހުންނަނީއެވެ. މި ސަބަބަށް ޓަކައި، ރަޙްމާނުވަންތަ މާތް ރަސްކަލާނގެ ވަނީ ހަނދާންކޮށްދޭ ފޮތެއްގެ ގޮތުގައި ކީރިތި ޤުރުއާން ލައްވަވައިފައެވެ. އެ ފޮތުގައި އައް-ރަޙްމާންގެ ނަމުން ސޫރަތެއް ޚާއްޞަކުރައްވައި، އެ ސޫރަތުގައި ރަޙްމާނުވަންތަ އިލާހުގެ ނިޢުމަތްތައް ޒިކުރުކުރެއްވެވިއެވެ. އަދި އެ ނިޢުމަތްތަކުގެ ތެރެއިން "އިންސީންނާއި ޖިންނީން އިންކާރު ތިޔަ ކުރަނީ ކޮންކޮން ނިޢުމަތްތަކަކަށްތޯ؟" ތަކުރާރުކޮށް ސުވާލު-ކުރެއްވެވިއެވެ. އެކި ނިޢުމަތްތަކުގެ ވާހަކަ ވަކިވަކިން ހިމަނުއްވަމުން އެއިން ކޮންމެ ވާހަކައަކަށްފަހު، އެ ސުވާލު ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. ﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾ ‎(الرحمن: ١٣)‏ މާނައީ: "އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟"

﴿وَالْأَرْضَ وَضَعَهَا لِلْأَنَامِ‎(١٠)‏ فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ(١١)‏ وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ‎(١٢)‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ(١٣)﴾‏ ‏(الرحمن) މާނައީ: "(10)އަދި ޚަލްޤުތަކުންނަށް ޓަކައި އެކަލާނގެ ބިން ލައްވައިފައި ވެއެވެ. (11)އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. (12)އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ. (13)އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟" ‎‏ 

﴿يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ﴾ ‏(الرحمن: ٢٢) މާނައީ: "އެ ދެކަނޑުން ރަންމުތާއި، މަރުޖާން ފައިދާވެ ނުކުމެއެވެ." ﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾ ‎(الرحمن: ٢٣)‏ މާނައީ: "އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރި-ރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟"

‎‏ދުނިޔެމަތީގެ ނިޢުމަތްތަކަށްފަހު ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަ ވެސް އެ ސޫރަތުގައި ގެންނަވައިފައި ވެއެވެ. "(އެއުރެން ތިބޭހުށީ) ދާން-ތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީ ވެސް ފަލަ ފަށުއިންނެވެ. އަދި އެ ދެ ސުވަރުގޭގެ މޭވާތައް (ބިންނަ މީހުންނަށް) ކައިރިވެގެންވެއެވެ." ‎(الرحمن: ٥٤)‏

ތަޤުވާވެރިކަން އިތުރުކޮށް މާތް ﷲގެ މަގަށް އެނބުރި ރުޖޫޢަވެ ތައުބާވުމަށް އަމިއްލަ ނަފުސަށް ހިތްވަރު ހޯދަން ކިޔައިއުޅެން ރަނގަޅު ސޫރަތެއްކަމުގައި އައް-ރަޙްމާން ސޫރަތް ހިމެނެއެވެ. އެ ސޫރަތުގެ މާނަ ކިޔައި އެއާ މެދު ވިސްނައި ފިކުރުހިންގާ އުޅޭށެވެ! q