ހަމާސްއާއި އިސްރާއީލާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަވެރިން ކުރަމުން އަންނަ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރޭ އިއުލާންކޮށްފިއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ހަމަޖެހިފައި ވަނީ 19 ޖަނަވަރީވާ އާދިއްތަ ދުވަހުން ފެށިގެންނެވެ. މި ޚަބަރާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ އުފާފާޅުކުރަމުންނެވެ. އަދި ގިނަ ޤައުމުތަކުން އަންނަނީ އިސްރާއީލަށް ލިބުނު މި ބައްޔާއި ފަލަސްޠީނަށް މި ލިބުނު ކާމިޔާބަށް މަރުހަބާ ކިޔަމުންނެވެ.
ނަމަވެސް، އިސްރާއީލުގެ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓުމެއްނާދެއެވެ. ހަނގުރާމަ ހުއްޓާލާ ވާހަކަ ބުނުމުން އިސްރާއީލުންދޭ ނިރުބަވެރި ހަމަލާތަށް ވަނީ އިތުރުކޮށްފައެވެ. މި އެއްބަސްވުން އިޢުލާންކުރި ފަހުން ވެސް ފަލަސްޠީނުގެ 50އަށް ވުރެ ގިނަ މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި ގިނައިން ޝަހީދުވެފައި ވަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
ޣައްޒާގައި ހަމާސް ޖަމާއަތާ ހަވާލުވެގެން ހުންނަވާ އަދި މަޝްވަރާތަކަށް އެ ޖަމާޢަތުގެ ވަފުދުގެ ވެރިޔާ ޑރ.ޚަލީލް އަލް ހަޔާ ވިދާޅުވީ ޤަޠަރުގެ ވެރިރަށް ދޯހާގައި ވެވުނު މި އެއްބަސްވުމުގައި ފަލަސްޠީނުން އެދިފައިވާ ހުރިހާ ޝަރުޠުތަކެއް ހިމެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިސްރާއީލުގެ ބާރުތައް އެއްކޮށް ޣައްޒާއިން ނިކުތުމާއި، ފަލަސްޠީނުގެ ގެދޮރު ދޫކޮށްފައި ދިޔަ މީހުން އެނބުރި އެ މީހުންގެ ގެތަކަށް އައުމާއި ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރުމަށް ހަމަޖެހިފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާގައި ހިމެނިފައި ވަނީ, ހަމާސްގެ ބެލުމުގައިތިބި އަސީރުންގެތެރޭގައި ތިބި 33 ރަހީނުން ދޫކޮށްލުމާއި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލު ބަންދުގައި ތިބި ކުޑަކުދިންނާއި، އަންހެނުންނާއި މުސްކުޅިން ހިމެނޭހެން ފަލަސްތީނުގެ 100 މީހުން ދޫކޮށްލުމެވެ. މި މީހުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމަ ހުއްޓާލާދުވަހު އިސްރާއީލުގެ 3 ރަހީނުން، 7ވަނަ ދުވަހު 4 ރަހީނުން، 14ވަަނަ ދުވަހު، 21ވަނަ ދުވަހު 3 ރަހީނުން، 28ވަނަ ދުވަހު 3 ރަހީނުން، 35ވަނަ ދުވަހު 3 ރަހިނުންނެވެ. ބާކީ ތިބި ރަހީނުން ދޫކޮށްލަން ހަމަޖެހިފައި ވަނީ މި އެއްބަސް ވުމުގެ އެންމެ ފަހު ހަފުތާގައެވެ. އެއީ 14 ރަހީނުންނެވެ.
މި މަރުޙަލާގައި، އިސްރާއީލުގެ ހަނގުރާމަވެރިން ޣައްޒާގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ފަހަތަށް ޖެހޭންވާނެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ޣައްޒާގައި އެ މީހުންގެ އަވަށްތަކަށް އެނބުރި އައުމުގެ ހުއްދަ ވެސް ލިބޭނެއެވެ.
މީގެ އިތުރުން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތްތައް އިތުރުކުރެވި، ކޮންމެ ދުވަހަކު ސަތޭކައެއްހާ އެހީގެ ޓްރަކްތައް އެތެރެކުރުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ މި އެއްބަސްވުމުގައި ހިމަނާފައެވެ.
ދެވަނަ އަދި ތިންވަނަ މަރުޙަލާގެ ތަފްސީލީ މަޝްވަރާތައް ފެށޭނީ ހަނގުރާމަ ހުއްޓާލެވޭތާ 16 ދުވަސް ފަހުންނެވެ.
ދެވަނަ މަރުހަލާގައި މައިގަނޑުގޮތެއްގައި ނިންމުމަށް ހަމަޖެހިފައި ވަނީ ހަނގުރާމަ އެކީ ހުއްޓާލުމުގެ އެއްބަސްވުމެވެ. އަދި ތިންވަނަ މަރުހަލާގައި ހިމެނޭނީ ޢައްޒާ އާރާސްތުކޮށް މިނިވަން ބައެއްގެ ގޮތުގައި ބަލައިގަމުގެ މަސައްކަތްތަކެވެ. މިކަމަށް ގިނަ އަހަރުތަކެއް ނަގާނެކަމަށް ބެލެވެއެވެ.
7 އޮކްޓޯބަރު, 2023އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި 46،707 މީހުން ޝަހީދުކޮށްލާފައި ވާއިރު، 110،265 މީހުން ވަނީ ޒަޚަމްވެފައެވެ. އެ ދުވަހު ހަމާސުން އިސްރާއީލުގެ ނިރުބަވެރިންނަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ 1،139 ހަނގުރާމަވެރިން މަރުވެފައިވާއިރު 200 އަށްވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ