ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބްލޮކްކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް: ސަރުކާރު

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ސަރުކާރުން ބްލޮކް ކުރަން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގާނޫނު އަސާސީއާ ހިލާފުނުވާ ގޮތެއްގެ މަތިން އެންމެ ފުޅާމިނުގައި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށެވެ.

"ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކްކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކްކުރުމަށް ސަރުކާރުން ނިންމައިފައިނުވެއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވެއެވެ،" ހީނާ ވިދާޅުވިއެވެ.

މި ބަޔާނުން އެނގިގެންދަނީ، ސޯޝަލް މީޑިޔާ މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅުމުގެ ނިޔަތެއް ސަރުކާރުގައި ނެތްކަމެވެ.