ވެސްޓް ބޭންކުގެ ޖެނީން ރެފިއުޖީ ކޭމްޕަށް ހަމަލާދީ 6 މީހަކު ޝަހީދުކޮށްލައިފި!

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ރޭ ތިންފަހަރުމަތިން ދިން ވައިގެ ހަމަލާތަކުގައި  ހަ މީހަކު ޝަހީދުވެއްޖެއެވެ.

ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 15 އަހަރުގެ ކުއްޖެއް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން މި ހަމަލާގައި އެއްބަނޑު އެއްބަފައި ތިން ފިރިހެނުން ވެސް ވަނީ ޝަހީދުވެފައެވެ.

ޖެނީން ބެޓާލިއަން އިން ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައި ވަނީ އާންމު ރައްޔިތުންނަށެވެ.

އަލް-ޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ޖެނިން ކޭމްޕަށް ޑްރޯން ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީ މަދުކޮށްލުމުގެ ނިޔަތުގައެވެ. އިސްރާއީލުގެ މިފަދަ ހަމަލާތައް ބޮޑަށް އަމާޒުވަނީ ގިނަ މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށާއި މަގުތައް މަތިން ފެންނަ މީހުންނަށެވެ.