މޫސުން ގޯސްވުމާ ގުޅިގެން އެމަރޖެންސީ އޮޕަރޭޝަން އެކްޓިވޭޓްކޮށް، އިދާރާތައް ތައްޔާރީ ހާލަތަށް!

މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ތިން އިދާރާއެއް ހިމެނޭހެން މޫސުމީ ގެއްލުންތަކުން ރައްކާޓެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި މި ޓާސްކްފޯހުގައި ހިމެނެނީ އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތް އަދި އެންޑީއެމްއޭ އެވެ.

މި ޓާސްކްފޯހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ. އަދި މާލެއާއި އަތޮޅުތެރޭގައި ވެލި ބަަސްތާ ޖަހައި ޕަމްޕު ސްޓޭޝަން ބޭނުންކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސިފައިންގެ ސަރަހައްދީ ކޮމާންޑް މަރުކަޒުތައް ޤާއިމުވެފައިވާކަން ފާހަގަކުރައްވައި މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ، މުޅި ރާއްޖެވެސް ކަވަރުކުރުމަށް މަސައްކަތްތައް ތަރުތީބުކޮށްފައިވާ ކަމަށާއި، މާލޭގެ ކުޑަކުދިންގެ ބަގީޗާއާއި، ސަލްމާން މިސްކިތް ކައިރި އަދި ރަސްފަންނު ބަގީޗާ ސަރަހައްދުގައި ވެލިބަސްތާ ލިބޭނެ ނިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް ފުލުހުންވެސް ތިބީ ތައްޔާރަށް ކަމަށާއި، ޕޮލިސް ޕޯސްޓުތައް ނެތް ރަށްރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. ޝުޖާޢު ވިދާޅުވީ ފެން ބޮޑުވާ މަގުތައް ބަންދުކުރަމުންދާ ކަމަށާއި، އެކަން ކުރަނީ އެކަމުން ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް ކަމަށްވާތީ ހުރިހާ ރައްޔިތުންވެސް ފުލުހުންގެ އިރުޝާދުތަކަށް ބޯލެންބުން މުހިންމު ކަމަށެވެ.

މީގެ އިތުރުން އެންޑީއެމްއޭގެ ސީ.އީ.އޯ ޙިސާން ޙަސަން ވަނީ އެ އޮތޯރިޓީގެ އިމަރޖެންސީ ސެންޓަރުވެސް އެކްޓިވޭޓްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.