މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ގާތްވެ މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީސް އިން ލަފާކޮށްފިއެވެ.

މެޓު އޮފީހުން ބުނެފައިވާގޮތުން ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގާ ގާތަށް ޖެހެމުންދާކަމަށެވެ. އަދި މިވަގުތު ރާއްޖެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާކަމަށާއި މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ދަންވަރާއި ފަތިހު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް މިއަދު ވައި އެވްރެޖްކޮށް ހުރިނަމަވެސް މިކޮޅިގަނޑު ރާއްޖެއާއި ގާތްވަމުންދާ ވަރަކަށް ވައި ބާރުވަމުންދާނެ ކަމަށއ ލަފާކޮށްފައިވެއެވެ. މިގޮތުން ރާއްޖެ ސަރަޙައްދުގެ ވައި ބާރުވާން ފަށާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުން ފެށިގެންކަމަށާއި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

އެ އިދާރާއިން އިތުރަށއ ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އަދި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ ބޮޑުބަޔަކަށްދަނީ ވިއްސާރަކުރާނޭ ކަމަށެވެ.

އަދި އިއްޔެ މޫސުން ރަނގަޅުވި ނަމަވެސް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ލަފާކުރިގޮތުގައި އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކުރާނެކަމަށް ބެލެވެނީ މެދުރާއްޖެތެރޭގެ ރަށްތަކަށެވެ.