ބޯކޮށް ވާރޭވެހި ފެންބޮޑުވާނޭ ކަމަށް ލަފާކޮށް ހުވަދޫ އަތޮޅަށް އޮރެންޖު އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ފެންބޮޑުވާނޭ ކަމަށް ލަފާކޮށް ގއ. އާއި ގދ. އަތޮޅަށް އޮރެންޖު އެލާޓް މެޓް އޮފީހުން މިއަދު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހުވަދު އަތޮޅަށް އޮރެންޖް އެލާޓް ނެރެފައި ވަނީ މެންދުރު 12:50އިން 3:00އަށެވެ.

މި އެލާޓުގައި އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނޭ ކަމަށް ލަފާކޮށްފައި ވެއެވެ.

މިއީ ގއ. އަދި ގދ. އަތޮޅަށް އެއް ގަޑިއިރުގެ ތެރޭގައި މޫސުމީ އެލާޓް މަތިކުރި ތިންވަނަ ފަހަރެވެ.

އެންމެ ފުރަތަމަ 12:05ގައި ވައިޓް އެލާޓް ނެރުމަށްފަހު، 12:22ގައި ޔެލޯ އެލާޓް ނެރުނެވެ. ދެންމެ ނެރެފައިވަނީ އޮރެންޖު އެލާޓެވެ.