ޑިފެންސް މިނިސްޓަރ އިންޑިއަށް ވަޑައިގެންފި

ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން އިންޑިއާއަށް މިއަދު ވަޑައިގެންފިއެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ޑިފެންސް މިނިސްޓަރު ގައްސާން އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިނިސްޓަރު އިންޑިއާއަށް ވަޑައިގަތީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓް ދުއްވުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި އިންޑިއާ ސިފައިން މި ސަރުކާރުން މިދިޔަ އަހަރު ފޮނުވައިލާފައި ވަނިކޮށެވެ.

ގައްސާން ތިން ދުވަހަށް އިންޑިއާއަށް ކުރައްވާ ދަތުރުކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖްނާތުއާ މިއަދު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.

މި ބައްދަލުވުމުގައި ދިފާއީ ތަމްރީނާއި ޖޮއިންޓް އެކްސަސައިޒްތަކާއި، ދިފާއީ މަޝްރޫއުތައް އަދި ވޯކްޝޮޕްތަކުގެ އިތުރުން ރާއްޖޭގެ ގައުމީ ދިފާއީ ބާރު ހަރުދަނާ ކުރުމަށް ބޭނުންވާ ދިފާއީ އާލާތްތައް ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.