އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ހުރިހާ އަޚުންނާއި އުޚުތުންގެ ހިތްވަރާއި މިންނަތުން ދަރުމަ މަޖައްލާގެ 2ވަނަ އިސްދާރުގެ ފުރަތަމަ ވޮލިއުމުގެ ފުރަތަމަ އަދަދު ޝާއިޢު ކުރުމުގެ އުފާ މި ލިބިގަންނަނީ މި ކަމުގެ މައްޗަށް ކުޅަދާނަކަން ދެއްވި ކަމަށް ޓަކައި މާތް ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމުންނެވެ.
ދަރުމަ މަޖައްލާއަކީ ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ ޢާއިލީ މަޖައްލާއެކެވެ. ދިވެހި މުޖުތަމަޢަށް ބޭނުންތެރި އެތައް މަޢުލޫމާތަކާއި ޢިބުރަތްތެރި ފިލާވަޅުތަކެއް ފޯރުކޮށްދީފައިވާ މަޖައްލާއެކެވެ. ދަރުމަ ނަމުގައި މަޖައްލާއެއް ނެރުއްވަން ފެއްޓެވީ އިބްރާހީމް ސަލީމް އަޙުމަދުގެ އެޑިޓަރުކަމުގެ ދަށުން 2001ވަނަ އަހަރުގެ މެއި މަހުއެވެ. ދަރުމައިގެ ފުރަތަމަ އިސްދާރުގެ ފަހު މަޖައްލާ ޝާއިޢުކޮށްފައި ވަނީ 2013ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
12 އަހަރުފަހުން އަލުން ދަރުމަ ރަޖިސްޓްރީކޮށްގެން ޝާއިއުކުރައްވަން މި ފެއްޓެވީ އައްޝައިޚް މުޙައްމަދު އަފްޟަލެވެ. އަފްޟަލަކީ ދަރުމައިގެ ކުރީގެ އެޑިޓަރު ސަލީމުގެ އަރިހުގައި ދަރުމައިގެ މަސައްކަތް ކުރަން އުޅުނު ބޭފުޅެކެވެ. އެބޭފުޅާވަނީ 6 އަހަރާއި 9 މަސް ދުވަހު ދަރުމަ މަޖައްލާގެ ގްރެފިކްސް އެންޑް ލޭއައުޓު ޑިޒައިނިންގގެ މަސައްކަތް ކުރައްވައިފައެވެ. އަދި 2 އަހަރާއި 2 މަސް ދުވަހު ދަރުމަ މަޖައްލާގެ ޑެޕިއުޓީ އެޑިޓަރުގެ މަޤާމުގެ މަސްއޫލިއްޔަތު ވެސް އެބޭފުޅާ ވަނީ އަދާކުރައްވައިފައިއެވެ،
"11 އަހަރާ 8 މަސްދުވަހު ނެރުނު މަޖައްލާ ނެރުއްވަން ސަލީމު އުޅުއްވާ ބުރަކަމާއި އެކަމަށް ހޭދަކުރައްވާ ވަގުތުގެ ގިނަކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ." އަފްޟަލް ވިދާޅުވިއެވެ.
އަފަޟަލް ވިދާޅުވިގޮތުގައި ދަރުމަ މަޖައްލާއާ އެބޭފުޅާ ވަކިވާން ޖެހިވަޑައިގަތީ ތަޢުލީމީ ދަތުރެއްގައި ވަޑައިގަންނަވަން ޖެހުމުންނެވެ. އެ ދަތުރަށް ފަހު އެނބުރި ވަޑައިގެންނެވިއިރު ދަރުމަ ވުޖޫދުގައި ނެތުން ވެގެންދިޔައި އެ ބޭފުޅާއަށް ލިބިވަޑައިގެންނެވީ ވަރަށް ފުން ހިތާމައެއް ކަމަށެވެ. "ސަލީމާ ބައްދަލުކޮށް ދަރުމަ އަލުން ވުޖޫދުކުރުމުގެ މަޝްވަރާ އަޅުގަނޑޫ ކުރިން. މި ކަމުގައި ސަލީމުގެ ފުރިހަމަ އެއްބާރުލުން ލިބުނު، އަޅުގަނޑުގެ ނަމުގައި ދަރުމަ އަލުން ރަޖިސްޓްރީކޮށްގެން ޝާއިޢުކުރުމުގެ އިޒުނައާއި ހިތްވަރު ވެސް ދެއްވި، ޢަމަލީގޮތުން މި ކަމުގައި ނޫޅެވުނަސް ލަފަޔާ އިރުޝާދު ދެއްވުމުގައި ދެމިހުންނަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ސަލީމު ދެއްވި." އަފްޟަލް ވިދާޅުވިއެވެ.
ދަރުމައިގެ ޓީމުން މަސައްކަތްކުރާނީ ދަރުމައިގެ ދެވަނަ އިސްދާރު ވެސް އޭގެ ފުރަތަމަ އިސްދާރާ އެއްގޮތަށް ނުވަތަ ޒަމާނީ ކުރިއެރުންތަކުގެ އެހީގައި އިތުރަށް ފުރިހަމަ ކުރެވެން އޮތް ހުރިހާ ގޮތަކުން ފުރިހަމަކުރެވިފައި ވާ މަޖައްލާއެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެމަޖައްލާގެ ދެވަނަ އިސްދާރުގެ ފުރަތަމަ ވޮލިއުމްގެ ފުރަތަމަ މަޖައްލާގެ އެޑިޓޯރިއަލްގައި ލިޔެފައިވެއެވެ.
"ދަރުމަ" މަޖައްލާގެ 2ވަނަ އިސްދާރު އިފްތިތާޙު ކުރުމުގެ ގޮތުން 3 މަސް ވަންދެން ހިލޭ މަޖައްލާ ޑައުންލޯޑު ކުރެވޭނެ ކަމަށް އެ މަޖައްލާގެ އިދާރާއިން ބުނެއެވެ. ދިވެހިފޮތް އެޕޕުން ދަރުމަ ޑައުންލޯޑު ކުރުމަށް https://dhivehifoiy.mv/books/dharuma-january-2025
ލިންކަށް ވަންނަވާ!
"ދަރުމަ"އަކީ ދިވެހިރާއްޖޭގެ ޤާނޫނު ނަމްބަރު 78/47 ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގައިވާ ގޮތުގެ މަތިން މަހަކު އެއް ފަހަރު ޝާއިޢުކުރާ ގޮތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ނަންބަރު 2019/2202ގައި 23 ޖުލައި 2019ގައި ރަޖިސްޓްރީކޮށްފައިވާ މަޖައްލާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު