ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުގެ ޚިދުމަތް އެއްކޮށް ކެނޑިއްޖެ

1 އަހަރު ކުރިން
|
0

ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުގެ ޚިދުމަތް އެއްކޮށް މެދުކެންޑި ބަލި މީހުން ނުވަތަ ޒަޚަމްވާ މީހުންނަށް ފަރުވާ ނުދޭ ކަމަށް ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާއިން ރޭ ބުނެފިއެވެ.

އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި ޣައްޒާގެ އުތުރުގައި އާންމު ތިން ހޮސްޕިޓަލް ކަމަށްވާ ކަމާލް އަދުވާން އަދި އިންޑޮނޭޝިއާ ހޮސްޕިޓަލް ހުރިއިރު، އެ  ހޮސްޕިޓަލުތަކުގެ ޚިދުމަތް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މެދުކެނޑިފައިވާ ކަމަށެވެ.

ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދަމުންދިޔަ ބެއިތް ލާގިޔާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް އިސްރާއީލުން ވަށާލީ ހުކުރު ދުވަހުއެވެ. އަދި އެ ހޮސްޕިޓަލަށް ކެއެން ބުއިމަށް ބޭނުންވާ ސާމާނު ވެއްދުންވެސް ނިރުބަވެރިންވަނީ މަނާކޮށްފައެވެ.

ބައިތު ލަހިއްޔާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލުގައި ބަލިމީހުންނާއި މުވައްޒަފުން ނެރެ، އެ ހޮސްޕިޓަލް ވަނީ މިދިޔަ ހަފްތާގައި އިސްރާއީލު ސިފައިން ވަދެ ބޮޑުގަތުލުއާންމެއްހިންގައި ބޭނުންނުކުރެވޭ ވަރަށް އަންދާލާފައެވެ. އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ހުސާމް އަބޫ ސާފިޔާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މިހާތަނަށް ޑިރެކްޓަރުގެ ހާލަތެއް އެންގިފައެއް ނުވެއެވެ. ހޮސްޕިޓަލުގައި އެވަގުތުގައި ހުރެ ސަލާމަތްވީ މީހެއް ބުނެފައިވާގޮތުގައި ޑިރެކްޓަރު ހައްޔަރުކޮށްފައިވަނީ ވަރަށް އަނިޔާކުރުމަށް ފަހުގައެވެ.

އަބޫ ސާފިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް އެ އިދާރާއަށް ލިބިފައި ނުވާ ކަމަށް ހޮނިހިރު ދުވަހު ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އެކްސްގައި ލިޔުއްވިއެވެ

ޖަބަލިއާގައި ހުންނަ އަލް އައުދާ ހޮސްޕިޓަލަށް ވެސް ދަނީ އަލް އަދްވާން ހޮސްޕިޓަލަށް ހެދިގޮތަށް ހަދާނޭކަމަުގެ ބިރުދައްކަމުންކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ޣައްޒާގެ ސިއްޚީ ނިޒާމު ފުނޑުކޮށްލުމަށް އިސްރާއީލު ސިފައިން ތަކުރާރުކޮށް ދިން ހަމަލާތަކުގެ ތެރޭގައި މިދިޔަ ހަފުތާގައި ކަމާލް އަދުވާން ހޮސްޕިޓަލަށް ދިން ހަމަލާވެސް ހިމެނެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ތަކުރާރުކޮށް ދިން ހަމަލާތަކުގެ ސަބަބުން އިންޑޮނޭޝިއާގެ ހޮސްޕިޓަލާއި އަލްއައުދާ ހޮސްޕިޓަލަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ހޮސްޕިޓަލްތަކުގެ މުވައްޒަފުންނާއި ރެޑް ކްރެސެންޓް ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކާ ދެމެދު އެއްވެސް ކަހަލަ މުއާމަލާތެއް ކުރުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވާފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ.

އދގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ވަނީ ގާތްގަނޑަކަށް 27 ހޮސްޕިޓަލަކާއި 12 މެޑިކަލް ފެސިލިޓީއަކަށް 136 އަށް ވުރެ ގިނަ ވައިގެ ހަމަލާދީފައެވެ.

މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 45،658 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 108،583 އަށް ވަނީ އަރާފައެވެ.