ކުރިއަށްއޮތް 48 ގަޑިއިރުތެރޭ މޫސުން ރަނގަޅުވަމުންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުގެ ކުރިއަށް އޮތް 48 ގަޑިއިރުގެ މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށެވެ.
ނަމަވެސް މިއަދުގެ 18:00 އާ ހަމައަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން އެެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި ގަދަވުން އެކަށިގެންވެއެވެ. އަދި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށެވެ. އެއީ 144.0 މިލިމީޓަރުގެ ވާރޭއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 113.0 މިލިމީޓަރުގެ ވާރޭއެވެ.
އެމްއެންޑީއެފް މީޑިއާ އިން މިއަދު ބުނީ އިއްޔެގެ 11:37އިން މިއަދުގެ 8:30 އާ ހަމައަށް މާލެއިން 30،406 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފުން 210 ގެޔަކަށް 1550 ވެލި ބަސްތާ ޖަހާދީފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު