އެމްއެންޑީއެފުން މާލޭގެ މަގުމަތިން 30,569 ޓަނުގެ ފެން ހިންދައިފި

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާގައި މާލެއިން 30،569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

މިއަދު ހެނދުނާ ހަމައަށް ހުޅުލެއަށް 144 މިލިލީޓަރުގެ ވާރޭވެހިފައިވާއިރު މާލެއަށް 142.6 މިލިލީޓަރުގެ އަދި ހުޅުމާލެއަށް 122.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ ފެންހިންދުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން، މިއަދު ހެނދުނާ ހަމައަށް 30،569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. މާލެއަށް ބޯކޮށް ވާރޭ ވެހެން ފެށުމާއި އެކު އިއްޔެ ހެނދުނު 11:30 އިން ފެށިގެން އެމްއެންޑީއެފުން ގެންދިޔައީ މާލޭގައި ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ. އަދި މިހާރު މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ވަނީ ނިންމާލާފައެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް އިއްޔެ ކުރި ވިއްސާރައިގައި މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުން އެންމެ ބޮޑަށް ވާރޭވެހިފައިވަނީ މާލެ ސަރަހައްދަށެވެ.

މާލެ ސަރަހައްދުގެ އިތުރުން ދެން އެންމެ ބޮޑަށް ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 24 ގަޑިއިރުގެ ތެރޭގައި 113 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ކަނޑާއި ވައިވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.

ވާރޭވެހި ފެންބޮޑުވާނެތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން، ގޭތެރެއަށް ފެން ނުވަންނެހެން ވެލި ބަސްތާ ޖެހުމަށާއި ފެނުގެ އަސަރު ކުރުމުގެ ސަބަބުން ގެއްލުންވެދާނެ ތަކެތި ފެނުގެ އަސަރުނުކުރާނެފަދަ ތަންތަނަށް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.