ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. «مَا جَلَسَ قَوْمٌ مَجْلِسًا، يَذْكُرُونَ اللَّهَ إِلَّا حَفَّتْ بِهِمُ الْمَلَائِكَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ» (مُسْلِم) މާނައީ: "ބަޔަކުމީހުން ޖަމާވެ، މާތް ﷲގެ ޒިކުރުކުރާނަމަ މަލާއިކަތުން އެބަޔަކު ވަށައިލާނެތެވެ. އަދި ﷲ އެބަޔަކުގެ މައްޗަށް ރަޙްމަތްލައްވާނެތެވެ. އަދި އުޑުގެ އަހުލުވެރިންނާ އެކު މާތް ﷲ އެބަޔެއްގެ ވާހަކަ ޒިކުރުކުރައްވާނެތެވެ." އަދި އެބައިމީހުންގެ މައްޗަށް ހިތްހަމަޖެހުން ލައްވަވާނޭ ކަމަށް އެހެން ރިވާޔަތެއްގައި ވާރިދުވެގެން އައިސްފައި ވެއެވެ.
މި ހަދީޘަށް ނަޒަރު ހިންގައިލާއިރު قَوْمٌ މި ލަފުޒުން އެފަދަ އެއްވުންތަކުގައި ފިރިހުންނާއި އަންހެނުން ވެސް ހިމެނޭނޭ ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއިލާހު ހަނދުމަކުރުމުގެ އެއްވުންތައް ހަމައެކަނި ފިރިހެނުންނަށް ޚާއްޞަވެގެން ނުވެއެވެ. ހަދީޘް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެފަދަ މަޖިލިސްތައް އެންމެ މާތް ވެގެންވަނީ މިސްކިތްތަކުގައި ކަމުގައިވިޔަސް، އެނޫން ކޮންމެ ތަނެއްގައި އެފަދަ މަޖިލީހެއް ބޭއްވި ނަމަވެސް މާތް މަޖިލީހެއް ކަމުގައި ބެލެވޭނެއެވެ.
އަދި يَذْكُرُونَ اللَّهގެ މުރާދަކީ ހަމައެކަނި ޤުރުއާން ކިޔެވުން ނޫން ކަމަށް ޢިލްމުވެރީން ބަޔާންކުރައްވައިފައި ވެއެވެ. ދުޢާކުރުމާއި، ޒިކުރު-ތަސްބީޙަ ކިޔުމާއި، ދީން އުނގަންނައިދިނުމާ އަދި ދީނީ ކަންކަމާމެދު ކުރެވޭ މަޝްވަރާތަކާއި ވާހަކަތައް ވެސް ހިމެނޭނޭ ކަމުގައި ބަޔާންކުރައްވައެވެ.
އަދި حَفَّتْގެ މާނައަކީ އެފަދަ މަޖިލީހެއްގައި މީސްތަކުންގެ ތެރޭއަށް މަލާއިކަތުން ވަޑައިގެން އެ މީހުން ގާތުގައި ތިއްބަވާނޭ ކަމެވެ. އަދި މި ކަމުން ދޭހަކޮށްދެނީ މާތް ﷲއަށް ޒިކުރުކުރުމުގެ މާތްކަމާއި މުހިންމުކަމެވެ.
އަދި ރަޙްމަތްލެއްވުމޭ ބުނެވޭ ބަހުގެ މާނައަކީ ދުނިޔެއާއި އާޚިރަތުގައި ވެސް އެ މީހުންނަށް ހެޔޮގޮތް މިންވަރުކުރައްވައި ނިޢުމަތްތައް އިތުރުކުރައްވާ އުފާވެރިކަމާ ހިތްހަމަޖެހުން ދެއްވާނޭ ކަމެވެ.
މީގެ އިތުރުން ذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُގެ މާނައަކީ މަލަކޫތީ ޢާލަމުގައި މާތް ﷲ އެބައިމީހުންގެ ވާހަކަ ޒިކުރުކުރައްވާ އެއިލާހު ހަނދުމަކުރަމުންދާ އަޅުންގެ މަސައްކަތާމެދު ފަޚުރުވެރިވެވޮޑިގަންނަވާނޭ ކަމެވެ.
މައިގަނޑު ގޮތެއްގައި މި ހަދީޘުން ޒިކުރުގެ މަޖިލީހެއްގެ މާތްކަން ބަޔާންވާ މުހިންމު ހަތަރު ކަމެއް ފާހަގަވެއެވެ. އެއީ މަލާއިކަތުން އެބައިމީހުން ވަށާލެއްވުމާއި، މާތް ﷲގެ ރަޙްމަތް އެ މީހުންނަށް ލެއްވުމާއި، އެ މީހުންގެ ހިތަށް ހިތްހަމަޖެހުން ލިބުމާއި، އެ މީހުންގެ ވާހަކަ އެއިލާހު ޒިކުރުކުރައްވާ އެ މީހުންނާމެދު ފަޚުރުވެރިވެވޮޑިގެންނެވުމެވެ.
މި ހަތަރު ނިޢުމަތުން ދޭހަކޮށްދެނީ މުސްލިމުން އެފަދަ މަޖިލިސްތަކަށް ހާޒިރުވުމާއި ކޮންމެ ދުވަހަކު ވެސް އެފަދަ މަޖިލީހެއްގައި މަޑުކޮށްލުމުގެ ފުރުސަތު ހޯދަންވާނޭ ކަމެވެ.
އަޅުގަނޑުމެންގެ މަޖިލިސްތަކަކީ އެފަދަ މާތް މަޖިލިސްތަކަކަށް ވުމަށް އެދޭނަމަ، ޣީބަބުނުމާއި ދެބައޮޑުވުމާއި ހަޑިހުތުރު ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލިވާންޖެހެއެވެ. އޭގެ ބަދަލުގައި ޢިލްމު އުނގެނުމާއި އަޅުކަންކުރުން އޭގައި ހިމެނަން މަސައްކަތްކުރަންވާނެއެވެ. އެއީ ކުލާހެއްކަމުގައި ވިޔަސް، ޢާއިލީ އެއްވުމެއް ނުވަތަ ކޮފީ މޭޒުމަތި ކަމުގައިވީ ނަމަވެސް މެއެވެ.
މިފަދަ ބައްދަލަވުންތައް ބޭއްވުމަށް މުސްލިމުން އަބަދުވެސް މަސައްކަތްކުރަން ވާނެއެވެ. އަދި މިފަދަ ބައްދަލުވުންތަކަށް ހާޒިރުވުން އެއީ އާދައެއް ކަމުގައި ހަދަންވާނެއެވެ. މި ކަމުން ލިބޭ ފައިދާއާއި ސަވާބުގެ އިތުރަށް ނުބައި ފާފަތަކުން މީހާ ދުރުކޮށްދޭ ވަސީލަތަކަށް ވެސް މިފަދަ ބައްދަލުވުންތައް ވާނޭ ތީއެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު