ކުރިއަށް އޮތީ ދަރިވަރުންނަށް ކިޔެވުން ބަންދު ދުވަސްތަކެކެވެ. ޗުއްޓީއާ ދިމާކޮށް އެކި ތަންތަނަށް އެކި ބޭނުމުގައި ޢާއިލާތައް ދަތުރުކޮށް ހަދައެވެ. ކޮންމެ ބޭނުމެއްގައި ދަތުރުކުރި ނަމަވެސް، ނަމާދާއި އަޅުކަމުގެ ތެރެއިން ވާޖިބު ކަންކަމަށް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. ވަކީން ޚާއްޞަކޮށް ޗުއްޓީގައި އަޅުގަނޑުމެންގެ ދަރީން ލައްވައި ނަމާދު ކުރުވުމަށް ބެލެނިވެރިން ފަރުވާތެރިވާން ވާނެއެވެ.
ގަސްތުގައި ނަމާދު އެޅުމަކީ ދީނުން ބޭރުވާވަރުގެ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. «إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ» (رواه مسلم) މާނައީ: "ހަމަކަށަވަރުން އަޅާއާއި ޝިރުކާ އަދި ކުފުރާ ދެމެދު ފަރަގުކުރާ އެއްޗަކީ ނަމާދެވެ."
ދަރީން ނަމާދަށް ފަރުވާތެރި ބަޔަކަށް ހެދުމަށް ޓަކައި މައިންބަފައިން ނަމާދުކުރާ ބަޔަކަށް ވާން ޖެހޭނެއެވެ. ކުދިންނަށް ދެވޭ އެންމެ ހެޔޮ ތަރުބިއްޔަތަކީ މައިންބަފައިންގެ ޢަމަލުން ދައްކާ ނަމޫނާއެވެ. މައިންބަފައިންނަކީ ނަމާދު ވަގުތުތަކަށް ފަރުވާތެރި ބަޔަކު ކަމުގައި ވާނަމަ ދަރީން ވެސް ނަމާދަށް ފަރުވާތެރިވާނެއެވެ. ހަމައެފަދައިން، މައިންބަފައިންނަކީ ނަމާދަށް ފަރުވާކުޑަކުރާ ބަޔަކު ކަމުގައި ވާނަމަ، ނަމާދުކުރުމަށް މައިންބަފައިން ދަރީންނަށް ކުރާ އަމުރަކީ އެ ކުދިންގެ ކުރިމަތީގައި މާބޮޑު އަގެއްހުރި އަމުރަކަށް ނުވާނެއެވެ.
ދަރީން ނަމާދަށް ތަރުބިއްޔަތުކުރުމުގެ ތެރޭގައި ދަތުރުވެރީންނަށް ނަމާދުކުރުމުގައި ދެއްވައިފައިވާ ލުއިތައް އުނގަންނައި ދެވިދާނެއެވެ. އެ ގޮތުން ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުމަކީ ކޮބައިކަން އުގަންނައި ދިނުން މުހިންމެވެ. ނަމާދު ޤަޞްރުކުރުމަކީ ހަތަރު ރަކުޢަތް ނަމާދުތައް ދެ ރަކުޢަތަށް ކުރުކޮށްލުމެވެ. ޤަޞްރުކުރެވޭ ނަމާދުތަކަކީ މެންދުރުނަމާދާއި އަސުރުނަމާދާއި ޢިޝާނަމާދެވެ. މަޣްރިބުނަމާދާއި ފަތިސްނަމާދަކީ ޤަޞްރުކުރެވޭ ނަމާދުތަކެއް ނޫނެވެ. ހަމައެފަދައިން ނަމާދު ޖަމްޢުކުރުމަކީ ދެ ނަމާދު ކޮންމެވެސް އެއް ނަމާދެއްގެ ވަގުތުގައި ކުރުމެވެ. ޖަމްޢުކުރެވޭނީ މެންދުރުނަމާދާއި އަސުރުނަމާދެވެ. އަދި މަޣްރިބު-ނަމާދާއި ޢިޝާނަމާދެވެ. ފަތިސްނަމާދަކީ ދަތުރު މަތީގައި ވިޔަސް އެ ނަމާދުގެ ވަގުތުގައި ކުރަންޖެހޭ ނަމާދެކެވެ. ފަތިސްނަމާދު ޖަމްޢުނުކުރެވޭނެއެވެ.
ބައެއް މީހުން ސުވާލު ކުރެއެވެ. މެންދުރު 11 ޖަހާއިރު ފުރަންޏާ، ފުރުމުގެ ކުރިން މެންދުރު-ނަމާދާ އެކު އަސުރުނަމާދު ޖަމްޢު ކުރެވިދާނެ ހެއްޔެވެ؟ ޖަވާބުގައި ދަންނަވަން އޮތީ، ދަތުރުވެރިޔަކު ކަމުގައި ވިޔަސް މެންދުރުނަމާދުގެ ވަގުތު ޖެހުމުގެ ކުރިން އެ ނަމާދު ޖަމްޢު އަދި ޤަޞްރު ވެސް ނުކުރެވޭނެއެވެ. މި ހާލަތުގައި އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ، ނަމާދު ވަގުތު ޖެހުމުން ދަތުރު މަތީގައި މެންދުރުނަމާދާ އެކު އަސުރުނަމާދު ޖަމްޢުކޮށް އަދި ޤަޞްރު ކުރުމެވެ. އަނެއް ގޮތަކީ، އެ ދަތުރުގެ މަންޒިލަށް ދެވޭއިރު އަސުރުނަމާދުގެ ވަގުތު ދެމިއޮންނާނެ ކަމަށް ބެލެވެންޏާ ދަތުރު ނިމެންދެން މަޑު ކުރުމަށްފަހު، މެންދުރު ނަމާދާއި އަސުރުނަމާދު ޖަމްޢުކޮށްކުރުމެވެ. މި ގޮތަށް އަސުރުނަމާދުގެ ވަގުތާ ހަމައަށް މެންދުރުނަމާދު ލަސްކޮށްފައި ކުރާއިރު ފުރަތަމަ ކުރާނީ މެންދުރުނަމާދެވެ. އަސުރުނަމާދު ކުރާނީ އެއަށް ފަހުގައެވެ.
ނަމާދު ކުރުމުގައި ދަތުރުވެރިންނަށް ލިބިފައިވާ ލުއިތައް އުނގެނި ދަސްކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެހެންކަމުން ދަރީންނަށް ނަމާދުގެ ޙުކުމްތައް އުނގަންނައިދިނުމަށާއި ނަމާދަށް ހޭނުމަށް މި ބަންދުގެ ބޭނުން ކުރަމާތޯއެވެ؟
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު