ޖުވާނުކުޅޭށެވެ! ތައުބާވާށެވެ!

11 މަސް ކުރިން
|
0

ދިވެހި މުޖުތަމަޢުން ފެންނަން ނޭދޭ އެތައް މަންޒަރެއް މިއަދު މި ވަނީ އާންމުވެފައެވެ. ދީނާ ދުރު އެތައް ޢަމަލެއް މި އަންނަނީ ފާޅުވެ އާންމު ވަމުންނެވެ. އޭގެތެރެއިން އެއް ކަމަކީ ޖުވާކުޅުމެވެ. ޖުވާކުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް ހަސަދަލައި ޢަދާވަތްތެރިވުމަށް ހުޅުވޭ ފަސާދައިގެ ދޮރެކެވެ. ޖުވާއަކީ ﷲގެ ޒިކުރުން މީސްތަކުން ޣާފިލުކުރުވާ، ނަމާދާ ފޭކުރުވަން ޝައިތާނާ ގެންގުޅޭ ހަތިޔާރެކެވެ. މި ކަން ބަޔާންކުރައްވައި އަލްމާއިދާ ސޫރަތުގެ 91ވަނަ އާޔަތުގައި އަންގަވަނީ ﴿إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ‎ ...﴾ (المائدة: ٩١)‏ މިފަދައިންނެވެ. މާނައީ: "ހަމަކަށަވަރުން ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި އަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ..."

މި ނުބައިކަމުގައި އަޅުގަނޑުމެންގެ ޒުވާން ޖީލު ކަސްތޮޅު އެޅުވިފައި މި ތިބީ އޭގެން ޙަޤީޤީ އެއްވެސް މަންފާއެއް ލިބޭތީއެއް ނޫނެވެ. ޙަޤީޤަތެއް ނެތް ޚިޔާލީ ވަހުމެއްގެ ތެރޭގައި ކުރެވޭ އުންމީދު-ތަކެއްގެ މަސްތެއްގައި ބަނދެވިފައެވެ. ފައިސާތަކެއް ލިބި މުއްސަނދިވެދާނެ ކަމުގެ ޚިޔާލީފޮލާ ކައްކާށެވެ. އެތައް ބަޔަކު މި ވަބާގައި ޖެހި ދިރިއުޅުން ބަރުބާދުވާތަން ފެނެއެވެ. ދަރަނިވެ ބޯނުހިކިގެން އުޅޭކަން ވެސް އެނގެއެވެ.

މި ހުރިހާ ކަމެއް ބަލައި ލޮލުންދެކި އަތުން ހިފެމުން ދާއިރު ވެސް މި ކަމާ ދުރަށް ދިޔުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެއް ބޯޑެއްގެ މަތީ ކުޅޭ އެންމެންގެ ތެރެއިން އެކަކަށް ހުރިހާ ފައިދާއެއްވެ، ދެން ތިބި އެންމެން އިފްލާސްވެގެން ދާ މަންޒަރުބަލަން އިންނަ ޒުވާނާގެ ނަޒަރަށް ސިފަ-ވަނީ މޮޅުވާ މީހާ އެކަންޏެވެ. އެތައް ބުރެއްގައި ބަލިވަމުން، އެ މީހުންގެ ފައިސާކޮޅު ގެއްލެމުން، ނިކަމެތިވަމުންދާ އެހެން އެންމެނެއް އޭނާއަކަށް ނުފެނެއެވެ. އޭނާގެ ހިތަށް ތަސައްވަރުވަނީ މޮޅު އެކަންޏެވެ. އަދި ޝައިޠާނާ އޭނާއަށް ކިޔައިދޭނީ ވެސް އެ ފައިސާ ލިބިއްޖެ ނަމަ އޭނާގެ ހުރިހާ ދެރަޔަކާ ހިތާމައެއް ފިލައިގެން ދާނޭ ކަމެވެ.

ޖުވާކުޅެގެން ކުރިއެރުމާއި ކާމިޔާބު ލިބޭނެ-ނަމަ މި ޒަމާނުގައި ފަޤީރުންނެއް ނުތިބީހެވެ. ދެރަ ނިކަމެތިންނެއް ނުއުޅުނީހެވެ. މިހާރު އަތުގައި އޮންނަ ފޯނުން ޖުވާކުޅުން މިވަނީ އާންމުވެފައެވެ. ފަސޭހަކަމާ އެކު މުއްސަނދި ވާންވީނޫންތޯއެވެ؟ އެހެނަސް ދަންނާށެވެ! މަކަރާ ހީލަތާ އޮޅުވާލުމުގެ ތެރެއިން އެކަކު މޮޅުވެގެން، އެ އަތުލަނީ އެހެން އެންމެންގެ މުދަލެވެ. ޢާއިލާއެއްގެ ދުވަހު ކޮއްތެވެ. މިއީ ވިސްނާންވީ ކަމެކެވެ. މުއްސަނދިވާނޭ ކަމަށް ހީކޮށް ތިޔަ ހިނގެނީ ފަޤީރުކަމުގެ މަގުންނެވެ. ތިކަން ހުއްޓާށެވެ! ޖުވާނުކުޅޭށެވެ! ތައުބާވާށެވެ! ﷲ އެންގެވިއެވެ. "ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)" (المائدة: ٩١)‏