ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ކަސްޓަމްސް އިންބުނެފިއެވެ.

ކަސްޓަމްސްއިން ރޭ އެކްސް ގައި އާންމުކުރި ޕޯސްޓެއްގައި  ބުނެފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެއައި އުމުރުން 41 އަހަރާއި 21 އަހަރުގެ ދިވެހި ދެ ފިރިހެން ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން އެ މީހުން އިތުރަށް ބަލާ ފާސްކުރި ކަމަށެވެ.

އަދި އެ ދެ ފަސިންޖަރުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ފެނުނު ކަމަށް ވެސް ކަސްޓަމުން ބުނެފައި ވެއެވެ. 

ކަސްޓަމުން ބުނީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އަށާއި މެފްޑްރޯއަން ޕޮޒިޓިވްވެފައި ވާ ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.4 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަން 5.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ވެސް ކަސްޓަމުން ބުނެފައި ވެއެވެ.

ކަސްޓަމުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލާގައި ހިފެހެއްޓި ދެ ފަސިންޖަރުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.