ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ޞިއްޙީ ޚިދުމަތް ދެވޭގޮތަށް ހުރި ހަމައެކަނި މަރުކަޒު ކަމާލް އަދުވާން ހޮސްޕިޓަލުގައި އަލިފާން ރޯކޮށް އެތަނުގައި ތިބި ބަލިމީހުން ހައްޔަރުކޮށް އެތައްބަޔަކު މަރައިފިއެވެ.
އަލްޖަޒީރާއިން ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލް އަންދާލައި، ކަމާލް އަދުވާންގެ ވޯޑްތަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ދީފައިވާ ކަމަށެވެ. ކައިރީގައި ހުރި ގެތަކަށް ވެސް މި އަލިފާންގަޑު ފޯރާފައިވާ ކަމަށް ވެސް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑ.ހުސާމް އަބޫ ސާފިޔާ ހައްޔަރުކޮށްފައެވެ. އަދި އެތަނުގެ ޑޮކްޓަރުންގެ ހާލު އަދިވެސް ނޭންގޭ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން ހޮސްޕިޓަލުގައި އެ ވަގުތު ތިބި 2 ނޫސްވެރިން ވެސް އިޒްރާއީލު ޓެރަރިސްޓުން ހައްޔަރުކުރިއެވެ. އޭގެތެރެއިން އެއް ނޫސްވެރިޔަކު އެތައް ގަޑިއިރެއް ފަހުން ވަނީ ދޫކޮށްލާފައެވެ.
ނިރުބަވެރި އިސްރާއީލުގެ ސިފައިން ހޮސްޕިޓަލަށް ވަދެގަނެ އެތަނުގެ އައިސީޔޫގައި ތިބި މީހުން ހިމެނޭ ގޮތަށް ހުރިހާ ބަލިމީހުން ވެސް ގަދަކަމުން އެ ފެސިލިޓީން ބޭރުކޮށްފައެވެ.
އަދި މި މީހުންގެތެރެއިން އެތައްބައެއް ހައްޔަރުކޮށް ނޭނގޭ ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށް ޚަބަރުތައް ބުނުއެވެ. ނިރުބަވެރި އިސްރާއީލުން ވަނީ ހޮސްޕިޓަލުގައިތިބި އަންހެނުންގެ ބުރުގާ ބާލަން އަމުރުކޮށް އެ މީހުން ބަލައި ފާސްކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނީ އިސްރާއީލުން ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުކޮށްލުމަކީ ފަލަސްތީނުގެ ދިހަ ހާސް މީހުންނަށް މަރުގެ ހުކުމެއް އިއްވުން ކަހަލަ ކަމެއް ކަމަށެވެ.
ހެލީލް ބެޓޯން ރޯޒިން، ޗެނަލް 14އިން ބުނެފައިވަނީ ކަމާލް އަދްވާން ހޮސްޕިޓަލަކީ މިހާރު ޣައްޒާ ސްޓްރިޕްގެ އުތުރުގައި ހުރި ފަލަސްތީނުގެ ހަތިޔާރުއެޅި ގްރޫޕްތަކުން ހަނގުރާމައަށް ބޭނުންކުރާ މައި މަރުކަޒެއްކަމުގައެވެ. ހަމާސްގެ މުޖާހިދުން ބޭނުންކުރަނީ، ބޭރުފުށުން ހޮސްޕިޓަލެއްގެ ގޮތުގައި ފެންނަ އިމާރާތް ކަމަށް އޭނާ ބުނާއިރު މިހާތަނަށް އެއްވެސް ހޮސްޕިޓަލަކުން ފަލަސްތީނުގެ މުޖާހިދެއް ނުވަތަ ހަތިޔާރެއް ވެސް އެއިން ތަނަކުން ފެނިފައެއް ނުވެއެވެ.
އިސްރާއީލުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުކަމަށްވާ ޝިފާ ހޮސްޕިޓަލް ވެސް ސުންނާފަތިކުރީ އެތާނގައި މުޖާހިދުން އުޅޭ ކަމަށް ބުނެއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުނަދާ ޤަތުލުއާންމަށް 14 މަސްވެފައިވާއިރު މިހާތަނަށް ފަލަސްތީނުގެ 45،436 ރައްޔިތުން ޝަހީދުކޮށްފައި ވެއެވެ. އަދި 108،038 މީހުން ޒަހަމްވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ