ޖަޕާނުގެ މަޖިލިސް މެންބަރަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޖަޕާނުގެ މަޖިލިސް މެންބަރަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ޅ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 70 އަހަރުގެ ޖަޕާނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައެއްގެ ރިޕޯޓް ލިބިފައިވާކަމަށް ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ފުލުހުން ހާމައެއް ކޮށްފައެއް ނުވެ އެވެ.

ޖަޕާނުގެ ވެރިކަން ކުރާ ޕާޓީ ކަމުގައިވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ މެންބަރެއް ކަމުގައިވާ ޓޮޝިޔުކި އަޑާޗި، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އޭނާ މަރުވެފައިވަނީ ކަނޑުމަތީގައި ދިމާވި ހާދިސާއަކުން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ޓޮޝިޔުކި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި އޮތީ މިމަހު 25 އިން އަންނަ ޖެނުއަރީ 6 ކަށެވެ.

މަޖިލިސް މެންބަރު ޓޮޝިޔުކިގެ މަރާ ގުޅިގެން ޖަޕާނާއި ރާއްޖޭގެ އެއްވެސް އިދާރާއަކުން އަދި ރަސްމީބަހެއް މިހާތަނަށް ބުނެފައިނުވެއެވެ.