ސޫރިޔާގެ އާ ސަރުކާރުގެ ފުލުހުންނަށް ހަމަލާދީ 14 ފުލުހުން މަރާލައިފި

ސޫރިޔާގެ ކުރީގެ ރައީސް ބަޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލި ފަހުން  އޭނާގެ ހަނގުރާމަވެރިން  މިހާރު ވެރިކަންކުރަމުންދާ ސަރުކާރުގެ ފުލުހުންނަށް ހަމަލާދީފިއެވެ. މި ހަމަލައިގައި 14 ފުލުހުން މަރުވެ އަދި 10 ފުލުހުން ޒަހަމްވެފައި ވާކަމަށް ސޫރިޔާގެ އާ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ

 މި ހަމަލާ ދީފައި ވަނީ ޓާޓަސް ގަވަރނޯރޭޓްގައެވެ.

ސޫރިޔާގެ އާ އިންޓީރިއަރ މިނިސްޓަރު މުހައްމަދު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނީ އަސަދު ސަރުކާރަށް ވާގިވެރިވި ފަރާތުންނެވެ. މިކަމާ ރައްދުދީ އޭނާ ބުނުއްވަނީ ސޫރިޔާގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރާ ނަމަ  އެފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ހަމަލާ ދީފައިވަނީ، އަލަވީ ސަރަހައްދަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިންޓަނެޓުގައި ފެތުރުމާ ގުޅިގެން ގިނަ ސިޓީތަކެއްގައި އިހުތިޖާޖުތަކެއް ކުރިއަށްދަނިކޮށެވެ. މި އިހުތިޖާޖުތަކާ ގުޅިގެން ހޯމްސް، ލަޒަގިއްޔާ، ޖަބްލާ އަދި ޓާޓަސްގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

އިންޓީރިއަރ މިނިސްޓްރީން ވިދާޅުވީ، މި ވީޑިއޯއަކީ ނޮވެމްބަރު މަހު ހަލަބު ސިޓީއަށް ދެވުނު ހަމަލާއާ ގުޅޭ ވީޑިއޯއެކެވެ. އަދި މިހާރު މި ވީޑިއޯ ފަތުރަނީ ހަމަނުޖެހުން އުފެއްދުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑިސެމްބަރު 8 ވަނަ ދުވަހު ދިމިޝްޤު ހިފުމާ ގުޅިގެން، ރައީސް އަސަދު ވަނީ ފިއްލައިގެން ރަޝިޔާއަށް ދަތުރު ކޮއްފައެވެ.