އާ އަހަރާއި ދިމާކޮށް ޑްރަގްގެ ވިޔަފާރި އިތުރުވާނެކަމަށް ބެލެވޭތީ ހާއްސަ އޮޕަރޭޝަނެއް

އާ އަހަރާ ދިމާކޮށް ބަނގުރާ އަދި މަސްތުވާތަކެތި ވިއްކައި ބޭނުންކުރުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެކަމާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފައިވާ ކަމަށް މިއަދު ބުނެފިއެވެ.

ފުލުހުން އެކްސްގައި އާންމު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އޮޕަރޭޝަންގައި ޑްރަގް އެންފޯސްމެންޓާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން، މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި އެ އޮޕަރޭޝަން އިއްޔެ ފަށައިފައިވާ ކަމަށެެވެ.

އެ އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓުތައް މޮނިޓާކޮށް، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮންމެ އާ އަހަރާއި ދިމާކޮށް ފުލުހުން އަންނަނީ މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.